ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްޤީކުރި ފުރަތަމަ އެއަރޕޯޓް، ހޯރަފުށީ އެއަރޕޯޓް އަންނަ އަންގާރަދުވަހު ރަސްމީކޮށް ހުޅުވަން ތައްޔާރުވެއްޖެއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއަރޕޯޓަކީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭ އާއި، ސަރވިސް މަގުތައް ތަރައްޤީކޮށްފައިވާ ވައިގެ ބަނދަރެކެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްއެއްވެސް މި އެއަރ ޕޯޓްގައި ހެދުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުން ވަނީ 842200 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުން މިހާރު ކުރިއަށްދަނީ އެއަރޕޯޓުގެ އޮޕަރޭޝަންސްތަކުގެ މަސައްކަތްތަކެވެ. އަދި 16 ވަނަ ދުވަހު ޓެސްޓް ފްލައިޓް ބޭއްވުމަށްފަހު، މިމަހުގެ 17 ވަނަ ދުވަހު އެއަރޕޯޓް ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.

ހޯރަފުށީ އެއަރޕޯޓުގައި ޕަސެންޖަރ ޓަރމިނަލަކާއި، ފަޔަރ ބިލްޑިންގއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓްމަހުގެ 27 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގައި ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ 100 މީހުންގެ ޖާގައިގެ ޕަސެންޖަރ ޓަރމިނަލެކެވެ.

މި މަޝްރޫޢާއެކު ރާއްޖޭގެ އުތުރުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އައިސް، ހޯރަފުއްޓާއި ކައިރި ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިއީ އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށްވެސް ހުޅުވިގެންދާ ދޮރެއްގެގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

ހޯރަފުށީ އެއަރޕޯޓުގެ އެންމެފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެއަރޕޯޓް ހިމެނޭ ސަރަޙައްދު ފެހިކުރުމުގެ މަސައްކަތްވެސް ހޯރަފުށީ ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން