ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026
ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026" މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޮންފަރެންސަކީ ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، މި ދާއިރާއާ ގުޅޭ މުހިންމު ކަންކަމުގައި މަޝްވަރާކުރުމަށާއި، ކުންފުނިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ ކޮންފަރެންސެކެވެ. މިއީ މި ސިލްސިލާގެ ދަށުން އެ ވުޒާރާއިން ބާއްވާ ތިންވަނަ ކޮންފަރެންސެވެ.

މިއަހަރުގެ ކޮންފަރެންސާ އެކު ކުރިއަށްދާ އެގްޒިބިޝަނަކީ ޢުމްރާ ކުންފުނިތަކުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކުގެ މަޢުލޫމާތު އާންމުންނަށް އެއް ތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި އެގްޒިބިޝަން ކުރިއަށްދާނީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިން ދުވަހު، ކޮންމެ ދުވަހެއްގެވެސް ހަވީރު 15:45 އިން ފެށިގެން މަޣްރިބް ނަމާދު ވަގުތާ ހަމައަށް، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މީގެއިތުރުން، މިއަހަރުގެ ކޮންފަރެންސް އަދި އެގްޒިބިޝަންގެ ތެރެއިން ޙައްޖާއި ޢުމްރާގެ ދާއިރާއާ ގުޅުންހުރި މުހިންމު މަޢުޟޫޢުތަކަށް ޚާއްޞަ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދާއިރާގައި ހަރަކާތްތެރިވާ އެކި ކުންފުނިތަކުގެ ޚިދުމަތްތަކާއި މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހެޅުންވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު