ލ. ހިތަދޫ ވޮލީ ކޯޓު އެޅުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ލ. ހިތަދޫ ވޮލީ ކޯޓު އެޅުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ލ. ހިތަދޫގައި ތަރައްޤީކުރަމުންދާ އައުޓްޑޯ ވޮލީ ކޯޓުގެ ޓާފް އެޅުމާއި، ކުރެހުމާ އެއްގޮތަށް މާކިން އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އެންމެ ފަހުން ހާމަކޮށްފައިވާ މަޝްރޫޢުގެ މަޢުލޫމާތުގައިވާ ގޮތުން، މިހާރު ކުރިއަށްދަނީ ކޯޓުގައި ޓާފް އެޅުމުގެ މަރުޙަލާގެ މަސައްކަތްތަކާއި، ފަންނީ ކުރެހުންތަކާ އެއްގޮތަށް ކޯޓު ފާހަގަކުރުމަށްޓަކައި ލައިންތައް އެޅުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، މަޝްރޫޢު ނިމުމުން އެ ރަށުގެ ޒުވާނުންނަށް ޒަމާނީ ފެންވަރުގެ ރަނގަޅު ވޮލީ ކޯޓެއް ލިބިގެންދާނެއެވެ.

ހިތަދޫ ވޮލީ ކޯޓު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފުރުޞަތުތައް ރަށްރަށުގައި ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ ޕްރޮގްރާމުގެ ދަށުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އެމްޓީސީސީން އަންނަނީ ރަށްރަށުގެ އިޖުތިމާޢީ އަދި ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ފެންވަރު ރަނގަޅުކޮށް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު