އިންޑިއާގެ ތަމިލްނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ
އިންޑިއާގެ ތަމިލްނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ
އިންޑިއާގެ ތަމިލްނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭގެ ސަރުކާރަށް 200 ދުވަސް ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ސަމިޓުގައި، 58،214 ކްރޯޑް ރުޕީސްގެ އަގުހުރި 78 ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ވަނީ ސޮއިކޮށްފައެވެ.

ޗެންނާއީގެ ކޯވަލަމްގައި ބޭއްވުނު ދެވަނަ 'ވެޓްރީ ތަމިލްނާޑޫ އިންވެސްޓްމަންޓް އެންޑް ކޮންވާޝަން ކޮންކްލޭވް' ގައި ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން، 65،786 ވަޒީފާގެ ފުރުޞަތު އަލަށް އުފެދިގެންދާނެއެވެ.

މިދިޔަ މެއި މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ވިޖޭގެ ޓީވީކޭ ސަރުކާރުން މިހާތަނަށް ޖުމްލަ 190 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިއާއެކު، 1.73 ލައްކަ ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ގެނައުމަށާއި، 198،557 ވަޒީފާގެ ފުރުޞަތު އުފެއްދުމަށް ކަނޑައެޅި ލަނޑުދަނޑި ހާސިލުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.

މި ސަމިޓުގައި ވާހަކަދައްކަވަމުން ތަމިލްނާޑޫގެ އިންޑަސްޓްރީޒް މިނިސްޓަރު އެސް. ކީރްތަނާ ވިދާޅުވީ، ސިޔާސީ މައިދާނުގައި މުސްތަޤުބަލުގެ ތަޞައްވުރު ދެއްކުމަކީ ފަސޭހަކަމެއް ކަމުގައި ވިޔަސް، މި ސަމިޓުން ހާމަކޮށްދެނީ މީޑިއާގެ ސަމާލުކަމުން ބޭރުގައިވެސް އަމަލީ ގޮތުން މަސައްކަތްތައް ކުރިއަށްދާ މިންވަރު ކަމަށެވެ. މިގޮތުން، މީގެ ކުރިން ސޮއިކުރެވުނު 112 އެއްބަސްވުމުގެ ތެރެއިން 74.1 އިންސައްތަ މަޝްރޫޢަށް ބިން ހަމަޖައްސައި، އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބާކީ ހުރި 25.9 އިންސައްތަ މަޝްރޫޢު އަދި ނުނިމި ހުރި ނަމަވެސް، ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ ހާމަކަން ބޮޑު ސިޔާސަތެއްގެ ދަށުން ނަތީޖާ ނެރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި، ބްރެޒިލްގެ އިންޖިނިއަރިންގ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއީޖީ އިން ދަރުމަޕޫރީގައި 2،000 ކްރޯޑް ރުޕީސް އިންވެސްޓްކޮށްގެން އަޅާ އިލެކްޓްރިކް މޮޓޯ އުފައްދާ ކާރުޚާނާ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސީއެސްއީ ޑިވެލޮޕްމަންޓް އިންޑިއާއިން 8،140 ކްރޯޑް ރުޕީސް، ރޯޔަލް އެންފީލްޑުން 1،000 ކްރޯޑް ރުޕީސް، ޓީވީއެސް މޮޓޯ ކުންފުނިން 2،000 ކްރޯޑް ރުޕީސް އަދި ޓައިޓަން ކުންފުނިން 1،500 ކްރޯޑް ރުޕީސް އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. ބޭރުގެ 14 ކުންފުންޏަކުން ކުރާ 14،798 ކްރޯޑް ރުޕީސްގެ އިންވެސްޓްމަންޓްތަކާއެކު، މި މަޝްރޫޢުތައް ތަމިލްނާޑޫގެ 25 ޑިސްޓްރިކްޓަކަށް ފުޅާވެގެންދާނެއެވެ.

މި ކާމިޔާބީގެ މައިގަނޑު ސަބަބަކީ، 21 ދުވަހުގެ ތެރޭގައި ސިނާޢީ ހުއްދަތައް ދޫކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާއި، ވިޔަފާރި ހުއްދައިގެ މުއްދަތު 3 އަހަރުން 10 އަހަރަށް އިތުރުކުރުން ފަދަ ގެނެވުނު އިދާރީ މުހިންމު އިޞްލާޙުތައް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ޗީފް މިނިސްޓަރު ވިޖޭ ވަނީ 7،925 ކްރޯޑް ރުޕީސްގެ އަގުހުރި 15 މަޝްރޫޢެއްގެ ބިންގާ އަޅުއްވައިދެއްވުމުގެ އިތުރުން، މަސައްކަތް ނިމިފައިވާ 1،430 ކްރޯޑް ރުޕީސްގެ 6 މަޝްރޫޢެއް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު