ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު
އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީން ބޭނުންވާ ބަޔަކު ހޮވައި، މުޅި އެމްޑީޕީގައި "ފަނި އަޅުވާނެ" ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ، ސަރުކާރު މުވައްޒަފުން ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް މަޖުބޫރުކުރުން ހުއްޓުވުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައެވެ. މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އިދިކޮޅު އެމްޑީޕީގައި މިހާރު ވެސް ގިނައީ ޕީއެންސީގެ މެންބަރުން ކަމަށެވެ.

"މިހާރު ވެސް ގިނައިން ތިބޭނީ ޕީއެންސީ މެންބަރުން އެމްޑީޕީގައި. އެއީ އަޅުގަނޑުމެން ބޭނުންވާ ދިމާލަށް ފަނިފަކުސަ ފޮނުވަން ވައްދައިފައި ތިބި މީހުން. ޕީއެންސީން ބޭނުން ބަޔަކު އެމްޑީޕީން ދާއިރާތަކަށް ހޮވާނީ މިފަހަރު. ހުރިހާ ދިމައަކުން ފަނި އަޅުވާނަން." ފަލާޙް ވިދާޅުވިއެވެ.

ހަމައެއާއެކު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބަށްފަހު އަންނަ ހަފުތާގެ ތެރޭގައި އެ ޕާޓީން ގާތްގަނޑަކަށް 10 ހާހެއްހާ މެންބަރުން މަދުވާނެ ކަމަށް ވެސް ފަލާޙް ފާހަގަ ކުރެއްވިއެވެ.

ފަލާޙްގެ ވާހަކަ ކުރިއަށް ގެންދަވަމުން އޭނާ ވަނީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން "ހައިޖެކްކޮށްފައި" ތިބި ތިބުމަށް ނިމުމެއް ގެންނަން އެ ޕާޓީގެ ލީޑަޝިޕަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ 13 މެންބަރުން މި އަޅުވެތިކަމުން ސަލާމަތްކުރަން ޖެހޭ ކަމަށެވެ.

"އެމްޑީޕީގެ ޖަލްސާއެއް އޮވެއްޖިއްޔާމު ފަސްވަނަ ސަފަށްލާ، މުޒާހަރާއަކަށް ގޮވައެއް ނުލާ، އެ ތަނުގައި ބަހެއް ނުވިކޭ، މި ބޭފުޅުންގެ ބޭފުޅަކަށް ތަނަކަށް ކުރިމަތިލައިފިއްޔާ އެ ބޭފުޅުންނާ ދެކޮޅަށް ކެމްޕެއިންކުރޭ، ރައްޔިތުންގެ މަޖިލީހުގައި މި ބޭފުޅުން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނޯވޭ." އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ޙާލަތު ސިފަކުރައްވަމުން ފަލާޙް ވިދާޅުވިއެވެ.

އޭގެއިތުރުން ފަލާޙްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެންބަރުން މިހާރު އުޅެމުންދަނީ "މައި މަރުވެފައި އޮންނަ ކުކުޅެއް ދޮށުގައި 13 ފިޔޮއް އުޅެމުންދާ ގޮތަށް،" ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު