ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ދިވެހިރާއްޖޭގެ ފަންނާއި، ސަގާފަތާއި، ތާރީޚީ ތަރިކަ ރައްކާތެރިކޮށް ދިރުވުމަށްޓަކައި، ރާއްޖޭގެ ވެރިކަން މީގެކުރިން ކުރެއްވި އެއްވެސް ވެރިޔަކު ދެއްވާފައި ނުވާފަދަ ޚާއްޞަ އަހައްމިއްޔަތުކަމެއް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން "އެމްއެމްޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ޤައުމަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެ، ދަރަނިތައް ޚަލާޞްކުރަމުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހިންމު މަސައްކަތްޕުޅުތަކެއް ފައްޓަވާފައިވާ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި ޤައުމަށް އުޖާލާ، ފާގަތި މުސްތަޤުބަލެއް ކަށަވަރުވެގެންދާނެ ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކުގެ ތެރެއިން ދިވެހި ޤައުމިއްޔަތާއި، މުއްސަނދި ތާރީޚާއި، ޒަމާންވީ އާދަކާދަތައް އަލުން އާލާކުރުމަށް ދެއްވާ ޚާއްޞަ އިސްކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޣާޒީ ބަންޑާރައިންގެ ޒިކުރާ އާލާކުރުމަށްޓަކައި ހއ. އަތޮޅުގެ ތިން ރަށެއްގެ އިތުރުން ށ. މަރޮށްޓާއި ލ. އިސްދޫގައި މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން، އަންނަން އޮތް ޖީލުތަކަށް ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދާއި ޤައުމީ ވާހަކަތައް އުނގަންނައިދިނުމުގެ ގޮތުން ހއ. އުތީމުގައި "ބޮޑުތަކުރުފާނުގެ ދޮރާށި" އަދި "ވާހަކަ ވާ" ގެ ނަމުގައި އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާ ކަމަށާއި، ބާރަށާއި ތަކަންދޫގައިވެސް ތާރީޚީ ހަނދާންތައް ދިރުވައި އާލާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިބަހަށް ދެއްވާ އަހައްމިއްޔަތުކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ އެންމެހައި ވުޒާރާތަކުގެ ނަންތައް މާދަރީ ބަހުން ކިޔަން ފެށުމަކީ ދިވެހިވަންތަކަމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި މީގެކުރިން އެއްވެސް ވެރިއަކު އިސްކަން ނުދެއްވާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައްޔާއި ސިޔާސަތުތަކުގައި ދިވެހި ބަހާއި، ތާރީޚާއި، ސަގާފީ ތަރިކައަށް ޚާއްޞަ ޖާގައެއް ދެއްވައި، ވެރިކަމުގެ ނިޒާމުގެ ތެރެއަށް މުހިންމު ބަދަލުތަކެއް ގެންނަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ކާބަފައިންގެ އަތްތެރި މަސައްކަތްތަކުގެ ހުނަރުވެރިކަން ޒުވާނުންނަށް އުނގަންނައިދިނުމަށްޓަކައި، މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ލިޔެލާޖެހުމާއި، ގަހަނާ ހެދުމާއި، ރަންރިހީގެ މަސައްކަތުގެ އިތުރުން ފޭލި ވިޔުން ފަދަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދަވާ ކަމަށާއި، ކުރިއަށް އޮތް އަހަރުވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ތަޢާރަފުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ފަންނުވެރިންގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހިތްވަރު ދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި ދާއިރާ ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަށާޖެހޭ ސިޔާސަތުގެ ހެޔޮ ނަތީޖާ މިއަދު މުޅި މުޖުތަމަޢުން ފެންނަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް