ހއ. މުރައިދޫގައި އެމްޓީސީސީން ހަދާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފިއެވެ.

ޕޮލިސް ޕޯސްޓުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަގޮތުން ޕޮލިސް ޕޯސްޓު ހިންގާ އިމާރާތް ރާނައި މިހާރުހުރީ ހިޔާވެސްކޮށްފައެވެ.

އެމްޓީސީން ހާމަކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައިވާ ގޮތުން މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ކުޑަދޮރުތަކުގައި ޝަޓަރިން ހަރުކުރުމުގެ މަސައްކަތެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ ހިދުމަތް މިހާރު ދޭން ފަށާފައިވާއިރު ބައެއް ރަށްތަކުގައި ޕޮލިސް ޕޯސްޓުތައް ހިންގަނީ ކުއްޔަށް ނަގައިގެން އާންމު މީހުންގެ ގެތަކުގައެވެ. އެހެންވެ ރަށްރަށުގައި ޕޮލިސް ޕޯސްޓުގެ އިމާރާތްތައް މިހާރު ދަނީ ހަދަމުންނެވެ.

ފުލުހުން މިއަދުވެސް ވަނީ ނ. މާފަރާއި އެ އަތޮޅުގެ ފޮއްދޫގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ހިދުމަތް ދޭން ފަށައިފައެވެ.



ކިޔުންތެރިންގެ ހިޔާލު