ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ޢަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ވިސްނުންތެރި އަދި ބުއްދިވެރި ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކުކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދެ ޕާޓީގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބާސެލޯ ނަސަންދުރާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ ސަރުކާރާމެދު ބައެއް ފަރާތްތަކުން ފަތުރަމުންދާ ޝައްކުތަކާއި ކަންބޮޑުވުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، މުޖުތަމަޢުގައި ޝައްކާއި ވަހުމް އުފައްދަން މަސައްކަތްކުރާ ބަޔަކު ތިބި ނަމަވެސް، ޤައުމުގެ އަޣުލަބިއްޔަތު ކަމުގައިވާ ހޭލުންތެރި، ބުއްދިވެރި ރައްޔިތުން ދެމިތިބީ ސަރުކާރާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ރައްޔިތުން ފުރިހަމައަށް ބަލައިގަނެ، އެ ސިޔާސަތުތަކަށް އިތުބާރު އޮތްކަމުގެ ސާފު ހެއްކެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޢަދާލަތު ޕާޓީއަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނެގެހެއްޓުމަށް އުފައްދާފައިވާ ޕާޓީއެއްކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، އެ ޕާޓީން ސަރުކާރާއެކު ގުޅުން ބަދަހިކުރުމަށް ނިންމި ނިންމުމުން ދައްކުވައިދެނީ، މި ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ޔަޤީންކަމެވެ.

ހަމައެއާއެކު، މި އިއްތިޙާދުގެ ސަބަބުން ސަރުކާރުން ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކަށާއި، ޤައުމުގެ ސުލްޙަ މަސަލަސްކަމާއި ހަމަޖެހުމަށް އިތުރު ބާރަކާއި ދިރުމެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު