މުހައްމަދު ޝިފާން
މުހައްމަދު ޝިފާން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމީ، ދެ ޕާޓީގެ މައިގަނޑު ސިޔާސަތުތައް އެއް މިސްރާބަކަށް އަމާޒުވެފައިވާތީ ކަމަށް އަދާލަތު ޕާޓީގެ ރައީސް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިފާން ވިދާޅުވީ، މި މުހިންމު ނިންމުން ނިންމާފައިވަނީ ޕާޓީގެ އިލްމުވެރިންގެ މަޖިލީހާއި، މަޝްވަރާ މަޖިލިސް އަދި އަތޮޅުތަކުގެ މަންދޫބުންނާއި އާންމު މެންބަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ސިޔާސީ ގުޅުން ބަދަހިކުރުމުގެ މައިގަނޑު މަގުސަދަކީ، އިސްލާމީ ސައްހަ އަގީދާ ވަރުގަދަކުރުމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމުގައި ޝިފާން ފާހަގަކުރެއްވިއެވެ. އެގޮތުން، އިސްލާމިކް ފައިނޭންސްގެ ނިޒާމު ފުޅާކުރުމާއި، ޒަކާތާއި ވަގުފުގެ ނިޒާމު ހަރުދަނާކުރުމަކީ އަދާލަތު ޕާޓީން އަބަދުވެސް ވަކާލާތުކުރަމުން އައި ކަންކަން ކަމަށާއި، މި ސަރުކާރުން އެކަންކަން އަމަލީ ގޮތުން ތަންފީޒުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ތައުލީމީ ދާއިރާއަށް ގެންނަވަމުންދާ ހެޔޮ ބަދަލުތަކާއި، ކީރިތި ގުރުއާން ހިތުދަސް ހާފިޒުންނާއި ޒުވާން ޚަތީބުން ތަމްރީނުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ އަދާލަތު ޕާޓީން ނުހަނު މަރުހަބާ ކިޔާ ކަންކަން ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވުމަކީ، ދެ ޕާޓީގެ ފިކުރު އެއްގޮތްވާ އެންމެ އަސާސީ އެއް ސިޔާސަތު ކަމަށް ޝިފާން ވިދާޅުވިއެވެ. ހަމައެއާއެކު، ދައުލަތުގެ ދަރަނި ޚަލާސްކުރުމާއި، އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށާއި، ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އަދާލަތު ޕާޓީގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޝިފާންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މި އިއްތިހާދުގެ ދަށުން ދެ ޕާޓީ ގުޅިގެން މަސައްކަތްކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމަކީ އަދާލަތު ޕާޓީގެ މުހިންމު އަމާޒެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު