ނަރޭޝް އަދި އޭނާގެ އަންހެނުން މަމްތާ
ނަރޭޝް އަދި އޭނާގެ އަންހެނުން މަމްތާ
އެމެރިކާގެ ވާޖީނިއާ ސްޓޭޓްގެ މުޅި މުޖުތަމައު ސިއްސުވާލި ހާދިސާއެއްގައި، މީގެ ދެ އަހަރު ކުރިން އަނބިމީހާ މަރާލައި، އޭނާގެ ހަށިގަނޑު ބުރިބުރިކޮށް ނައްތާލި ކަމުގެ ކުށް ނަރޭޝް ބަޓްގެ މައްޗަށް ސާބިތުވެއްޖެ ކަމަށް އަންގާރަ ދުވަހު ކޯޓުން ކަނޑައަޅައިފިއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޯޓުން ވަނީ ނަރޭޝްގެ މައްޗަށް އޭނާގެ އަނބިމީހާ މަމްތާ ކަފްލޭ ގަސްދުގައި މެރުމުގެ ކުށާއި (ފަސްޓް ޑިގްރީ މާޑާ)، ހަށިގަނޑު ފޮރުވައި އަދި ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. ގަސްދުގައި މީހަކު މެރުމުގެ މި ކުށާއެކު އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.

މި ނިންމުން އައިސްފައިވަނީ ޝަރީއަތުގެ މަޖިލީހުގައި ނަރޭޝް ދިން ސިހުންގެނެވި ބަޔާނަކަށް ފަހުގައެވެ. އޭނާ ވަނީ މަމްތާގެ ހަށިގަނޑު ބުރިބުރިކޮށް އެކި ތަންތަނަށް އެއްލައިލި ކަމަށް އަމިއްލައަށް އެއްބަސްވެފައެވެ. ނަމަވެސް، އަނބިމީހާ މަރާލި ކަމަކަށް އޭނާ އެއްބަހެއް ނުވެއެވެ. އޭނާ ބުނަމުން ދިޔައީ މަމްތާ މަރުވީ އަމިއްލައަށް ކަމަށާއި، ކޮޓަރީގެ ތަޅުންގަނޑުމަތިން އޭނާއަށް ފެނުނީ މަމްތާ މަރުވެފައި އޮއްވައި ކަމަށެވެ.

މި ހުކުމާއެކު ނިމުމަކަށް މި އައީ، މީގެ ދެ އަހަރު ކުރިން މަމްތާ ކުއްލި ގޮތަކަށް ގެއްލުމާ ގުޅިގެން، އެމެރިކާގައި ދިރިއުޅޭ ނޭޕާލްގެ މުޖުތަމައު އެއްކޮށް ސިއްސުވާލި މައްސަލައެވެ. ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މަމްތާ އެންމެ ފަހުން ފެނިފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި 27 ގައި، އޭނާ ވަޒީފާ އަދާކުރާ ވާޖީނިއާގެ މަނަސަސްގައި ހުންނަ 'ޔޫވީއޭ ހެލްތު ޕްރިންސް ވިލިއަމް މެޑިކަލް ސެންޓަރ' އިންނެވެ. ޖެހިގެން އައި ދުވަހު އޭނާ ރަހުމަތްތެރިއަކާ ވާހަކަދައްކައި، ދަރިފުޅާއެކު ކުޅެ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ޓިކްޓޮކަށް ވެސް އަޕްލޯޑު ކުރިއެވެ.

އޭގެ ފަހުން މަމްތާ ގެއްލި، އޭނާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. މަމްތާ ހެޔޮހާލުގައި އެނބުރި އައުމަށް އެދި އޭނާގެ ރަހުމަތްތެރިންނާއި ނޭޕާލް މުޖުތަމައުގެ ގިނަ ބަޔަކު ނުކުމެ ހޯދުމުގެ މަސައްކަތްކޮށް، ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

މަމްތާ ގެއްލުނުތާ ތިން ހަފުތާ ފަހުން ފުލުހުން ވަނީ ނަރޭޝް ހައްޔަރުކޮށް، މައްޔިތެއްގެ ހަށިގަނޑު ފޮރުވި ކަމުގެ ދައުވާ އުފުލާފައެވެ. އެ ވަގުތު މަރުގެ ސީދާ ދައުވާ ނުކުރި ނަމަވެސް، ޖުލައި 30، 2024 ހިސާބުގައި ނަރޭޝް އޭނާގެ އަނބިމީހާ މަރާލާފައިވާ ކަމަށް ކޯޓު ލިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭގެ ހަތަރު މަސް ފަހުން، ޑިސެމްބަރު 2024 ގައި އޭނާގެ މައްޗަށް މަރުގެ ދައުވާ ރަސްމީކޮށް އިތުރުކުރެވުނެވެ.

ކޯޓުގެ ނިންމުމަށްފަހު، ޕްރިންސް ވިލިއަމް ކައުންޓީގެ އެޓާނީ އެމީ އަޝްވޯތު ވިދާޅުވީ، މިއީ ހިތާމަވެރި ގޮތަކަށް ފުރާނަ ގެއްލިގެންދިޔަ މަމްތާއަށާއި، ވޭތުވެދިޔަ ދެ އަހަރު ދުވަހު ތަހައްމަލުކުރަން ދަތި ވޭނާއި ނުތަނަވަސްކަމެއްގައި އުޅުނު އޭނާގެ އާއިލާއަށް ލިބުނު މުހިންމު އިންސާފެއް ކަމަށެވެ. އަދި މި ހުކުމުގެ ސަބަބުން، މަމްތާގެ ފުރާނައިގެ އަގު ވަޒަންކުރެވި، އޭނާގެ ވާހަކަ މުޖުތަމައަށް އިވި، އަދި މި ޖަރީމާއަށް ޒިންމާވާންޖެހޭ ފަރާތް ޖަވާބުދާރީ ކުރެވިއްޖެކަން އެނގި އާއިލާއަށް ކުރިއަށް ދިއުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހު މަމްތާއަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނެ ހެދި ދޮގުތަކަށްފަހު، ނަރޭޝް މިދިޔަ ހަފުތާގައި ވަނީ އަނބިމީހާގެ ހަށިގަނޑު ބުރިބުރިކޮށް، ކުނި އަޅާ އެކި ވަށިގަނޑުތަކަށް އެއްލައިލި ކަމަށް އިއުތިރާފުވެފައެވެ. އޭނާ ބުނި ގޮތުގައި އެގޮތަށް ކަންތައް ކުރަން ޖެހުނީ ބިރުން ހަދާނެ ގޮތް ހުސްވެގެންނެވެ.

ނަރޭޝް ކޯޓުގައި ބުނެފައިވަނީ، ޖުލައި 30، 2024 ގެ ފަތިހު ގާތްގަނޑަކަށް 4:00 ހާއިރު އޭނާއަށް ހޭލެވުނީ ކޮޓަރި ތެރެއިން ދުވި ތަފާތު ވަހަކަށް ކަމަށެވެ. އަދި ބެލިއިރު މަމްތާ ބަންޑުން ވެއްޓިފައި އޮތް ކަމަށާއި، އޭނާގެ ވަށައިގެން ބޭސްގުޅަތަކާއި ލޭ އެކުލެވޭ ހޮޑު ހުރި ކަމަށެވެ. އޭގެ އިތުރުން 'ސެލްފޮސް' ނަމަކަށް ކިޔާ ވިހަގަދަ ސޫފާސޫފި މަރާ ބޭހެއްގެ ހުސް ޕެކެޓެއް ކައިރީގައި އޮތް ކަމަށް ވެސް ބުންޏެވެ. އަދި ގަޑިއެއްހާއިރު ވަންދެން މަމްތާއަށް ސީޕީއާރު ދީގެން ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކަމަށާއި، އެއަށްފަހު ހަށިގަނޑު ބުރިކޮށްލީ ކަމަށް އޭނާ ބުންޏެވެ.

ކުއްލި އެހީއަށް އެދި 911 އަށް ގުޅުމުގެ ބަދަލުގައި، ނަރޭޝް ފުރަތަމަ ގަސްދުކުރީ މަމްތާގެ ހަށިގަނޑު ޕޮޓޮމެކް ކޯރަށް އެއްލައިލުމަށެވެ. އަދި ފަހުން ޑަސްބިނަކަށް އަޅަން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވުމުން، ފާހާނާގެ ތެރޭގައި ކީހެއް ބޭނުންކޮށްގެން ހަށިގަނޑު ބުރިކުރަން ފެށީ ކަމަށް އޭނާ ބުންޏެވެ.

"އަހަންނަށް ނޭނގެ އެ ވަގުތު 911 އަށް ނުގުޅުނީ ކީއްވެގެން ކަމެއް. އަހަރެން ގުޅަން އުޅުނިން. އެކަމަކު އިންތިހާއަށް ބިރުގަތީ. އަހަރެންގެ ވިސްނުން އެއްކޮށް ގޮސް ހުރީ ވަރަށް ބޮޑަށް ހާސްވެފައި. ވީގޮތެއް އަހަންނަކަށް ހަމަ ނޭނގެ،" ކޯޓުގައި ނަރޭޝް ބުންޏެވެ.

ކޯޓުން މިހާރު ވަނީ މި މައްސަލައިގެ ހުރިހާ ހެއްކަކަށް ބަލައި، ނަރޭޝްއަކީ ގާތިލު ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު