ފޮޓޯ: ވީއައިއޭ
ފޮޓޯ: ވީއައިއޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީ.އެމް.އޭ) ގެ ސީޕްލޭނަކަށް ހާދިސާއެއް ދިމާވި ނަމަވެސް، ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް ބުރޫއަރާފައި ނުވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފިއެވެ.

އެމް.އޭ.ސީ.އެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވީ.އައި.އޭގެ ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައި ޓީ.އެމް.އޭ އިން ދުއްވާ ބޯޓެއް ޓެކްސީ ކުރުމުގެ ތެރޭގައި މި ހާދިސާ ހިނގުމާއެކު، އެމް.އޭ.ސީ.އެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭ.އީ.އެސް) އިން ވަގުތުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަދި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން އެމް.އޭ.ސީ.އެލްގެ ފަރާތުން ފޯރުކޮށްދެމުން އަންނަ ކަމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެމް.އޭ.ސީ.އެލް އިން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމް އިން ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް ބަދަލެއް ނައިސް، މެދުނުކެނޑި އާންމު އުސޫލުން ޚިދުމަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ސީޕްލޭނުގެ ބައެއް ވަނީ އަޑިއަށް ގޮސްފައެވެ. އަދި ލައިފް ރިންގު ފަދަ ސަލާމަތީ ވަސީލަތްތައް ބޭނުންކޮށްގެން ބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްކުރުމަށްޓަކައި، ޓީއެމްއޭގެ ގިނަ އަދަދެއްގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މަންޒަރުވެސް އެ ވީޑިއޯތަކުން ފެނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު