މަޖުނޫން ފިލްމުގެ ޕޯސްޓަރެއް
މަޖުނޫން ފިލްމުގެ ޕޯސްޓަރެއް
ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން" އޮލިމްޕަހުގައި ދައްކަމުންދާއިރު، މިހާތަނަށް އެޅުވި ހުރިހާ ޝޯއެއް 100 ޕަސެންޓު ހައުސްފުލްވެ، މިހާރު އެ ފިލްމުގެ 29 ވަނަ ޝޯގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.

ފިލްމަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ނަހުލާ ފާހަގަކުރި ގޮތުގައި، އޭނާގެ ކުރީގެ ފިލްމުތައް ބަލަން މީހުން އާންމުކޮށް ސިނަމާއަށް ދަނީ މަޑުމައިތިރިކަމާއެކު ތިބެ އަސަރުން ފުރިގެންވާ ގޮތަކަށް ރުއިމަށެވެ. ނަމަވެސް "މަޖުނޫން" ބަލަމުންދިޔައިރު ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

"މިފަހަރު ފިލްމުގެ ފަހުބައިގައި ގިނަ ބަޔަކު ތިބެން ޖެހުނީ ހާސްކަމުގެ ތެރޭގަ. ދެލޯ ބޮޑުވެ އަނގަ ހުޅުވިފަ. ބިރުން ސިހިސިހި. މިއީ ބިރުވެރި ފިލްމެއް ނޫން. އެކަމަކު ދެންވާނެ ގޮތަކާ ދޭތެރޭ ހާސްވެ މޭތެޅިތެޅި." ނަހުލާ ބުންޏެވެ.

‎މިއީ ކުރިން ނަހުލާ އޭނާގެ އޯޑިއެންސް އެކްސްޕީރިއެންސް ކުރަން ޖެއްސި ޒާތުގެ އިހުސާސެއް ނޫނެވެ. އަދި މިއީ ދިވެހި ސިނަމާއަށްވެސް މުޅިން އާ ސްޓައިލެކެވެ. މި ފިލްމުގެ އެންމެ ފުރިހަމަ ކަމަކީ މި އާ ސްޓައިލާ އެކުވެސް ނަހުލާގެ ސިގްނޭޗަރ ލޯބި އޭގެ ތެރެއަށް ވައްދާފައިވާ ފުރިހަމަ ކަމެވެ. އަދި އެފަދަ ދަނޑިވަޅުތަކުގެ ތެރޭންވެސް ހިތްދަތިކަން ގެނެސްދީފައިވާ ފުރިހަމަ ކަމެވެ. ލޮލުން ކަރުނަ ހިލުވާލާ ހިތާމަވެރިކަން މީގެ ތެރެއަށް ވައްދާލައިގެން ގެނެސްދީފައިވާލެއް މޮޅުކަމެވެ.

ދުވަހަކު މިކަހަލަ ފިލްމެއް ބަލާފައިނުވާ މީހުންނަށްވެސް މި ފިލްމު ކަމުދިޔަ މައިގަނޑު ސަބަބަކީވެސް މިއީއެވެ. ބަލަން ނުކެރޭ ކަމަށް ބުނެ ގޮނޑީގެ ތެރެއަށް ގެނބި ފިލާ އޮވެގެންނާއި، މޫނުގައި އަތް އަޅައިގެން ދެ އިނގިލި ދޭތެރެއިންވެސް މި ފިލްމު ބަލާ ނިންމާލާ މީހުން މަދެއް ނޫނެވެ. ގިނަ ބަޔަކު މަޖުނޫންގެ އަމަލުތައް ކުށްވެރިކުރިނަމަވެސް، އެމީހުން އެދަނީ މަޖުނޫން ދެކެ އިންތިހާއަށް ލޯބިވެގެންނެވެ. މިއީ ނަހުލާގެ ސްކްރިޕްޓުގެ މޮޅުކަމާއި ޑައިރެކްޝަންގެ ފުރިހަމަކަން ހާމަވާ ހެއްކެކެވެ.

ފިލްމު ދެއްކުމަށް 30 ދުވަހުގެ މުއްދަތަކަށް އޮލިމްޕަސް ސިނަމާ ލިބިފައިވާއިރު، ބަންދު ދުވަސްތަކުގައި ދުވާލަކު ދެ ޝޯ ދައްކަމުން ގޮސް މިހާރު ވިއްކަމުން އެދަނީ 29 ވަނަ ޝޯގެ ޓިކެޓެވެ. އަދި މިހާތަނަށް ދެއްކި ހުރިހާ ޝޯއެއްވެސް ދައްކާފައިވަނީ ހައުސްފުލްކޮށެވެ. ޕްރިމިއާ ޝޯގެ އިންވައިޓީސްގެ އިތުރުން ފްރީ އެއްވެސް ޓިކެޓެއް ނުދީ، އަދި ޓިކެޓު ނުބަހާ މިވަރަށް ޝޯތައް ފުލްވެގެން ދިއުމުން، ނަހުލާ ކޮންމެ ޖޯންރާއަކަށް ފިލްމު ހެދިޔަސް އާންމުންނަށް ކަމުދާނެކަން ވަނީ ސާބިތުވެފައެވެ. މީގެކުރިން، 2013 ވަނަ އަހަރު ނަހުލާ އުފެއްދި ބިރުވެރި ފިލްމު "4426" އަށްވެސް ބެލުންތެރިންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

މިހާރު ވިކެމުންދާ ޝޯތަކުގެ ތެރޭގައި މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ދަންވަރު 11:45 ގެ ޝޯ އާއި، ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ގެ ޝޯ ހިމެނެއެވެ. މިއީ ކުރިއަށް އޮތް ބަންދާ ދިމާކޮށް އަތޮޅުތެރޭން މާލެ އަންނަ ފަރާތްތަކަށް މި ފިލްމު ބޮޑު ސްކްރީނުން ބަލާލުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު