މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ނުދައްކައިވާ 25 ފަރާތެއްގެ މައުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފިއެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އާންމުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މީރާއިން މިފަހަރު އިއުލާނުކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި، ޑިސެމްބަރު 2024 އިން ޖޫން 2026 ގެ ނިޔަލަށް ދައްކަންޖެހޭ އާމްދަނީން ނަގާ ޓެކްސް އަދި ޖީއެސްޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަންޖެހިފައިވާ ފަރާތްތަކުގެ މައުލޫމާތެވެ.

މީރާއިން ބުނީ، މި ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ކަނޑައެޅިފައިވާ އެންމެހައި އިޖުރާއަތުތަކާ އެއްގޮތަށް ފޯނުން ގުޅައި، ފައިސާ ނުދައްކައިފިނަމަ ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ލިބޭނެ އަދަބުތައް ވަނީ ސާފުކޮށްދީފައި ކަމަށެވެ. މީގެއިތުރުން، އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ފަރާތްތަކަށް އެކަން އެތައް ފަހަރަކު ހަނދާންކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އެންމެހައި ގާނޫނީ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި ސާބިތުކަމާއެކު އަޅަމުން ގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީރާއިން މި ފިޔަވަޅު އަޅާފައި މިވަނީ، ރާއްޖޭގެ ރިސޯޓުތަކުން ބޭންކިން ނިޒާމަށް ވަންނަންޖެހޭ ބޭރު ފައިސާ ހޯދުމަށްޓަކައި މީރާއިން ޚާއްޞަ އޮޑިޓެއް ހަދަންޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ހަމައެއާއެކު ދައުލަތުގެ އާމްދަނީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް އިއްޔެ ވިދާޅުވީއި، މީރާގެ ހިސާބުތަކުން ދައްކާ ގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ. އަދި ޓެކްސް ނުދެއްކުން މިހާ ބޮޑަށް އިތުރުވާ މައިގަނޑު އެއް ސަބަބަކީ، ދައުލަތުން އެކި މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދެވި ދިގުލައިގެން ދިއުން ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު