ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދާއިމީ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއު، "ރަސްމާލެ" ގެ މާސްޓަ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން އިއުލާނުކޮށްފިއެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ އަދި ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބީލަމާ ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2026 ނޮވެމްބަރު 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އިއުލާނުގައި ބަޔާންކޮށްފައިވާ އީމެއިލް މެދުވެރި

ކޮށް ސުވާލުތައް ފޮނުވަން ޖެހޭނެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން ވަކިން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުން ތާވަލުކޮށްފައިވަނީ 2026 ޑިސެމްބަރު 2 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައި، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުގެ ގޮތުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި 200,000 ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމާޒުގައި ހިންގޭ މަޝްރޫއެކެވެ. މުޅިއެކު 1,000 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ވެގެންދާނީ ދިވެހިރާއްޖޭގައި އޮންނާނެ އެންމެ ބިން ބޮޑު ރަށަށެވެ. އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ބާރު ދުވެއްޔެއްގައި ހިނގަމުންނެވެ.

މި ރަށް ފަރުމާކުރެވެނީ ދުނިޔޭގެ މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް ރިއާޔަތްކޮށް، ތިމާވެއްޓާ ރައްޓެހި ފުރިހަމަ "އީކޯ ސިޓީ" އެއްގެ ގޮތުގައެވެ. އެގޮތުން މި ސިޓީއަށް ބޭނުންވާ މުޅި ކަރަންޓުގެ ހަކަތަ އުފެއްދުމަށް ހަމަޖެހިފައިވަނީ ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މީގެއިތުރުން، ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަހައްދެއް އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ބޮޑު އިންވެސްޓްމަންޓް ހަގީގަތަކަށް ހެދުމަށްޓަކައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އީގަލް ހިލްސް" އާއެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމް ޝީޓުގައި ސޮއިކޮށްފައެވެ. އަދި މިފަދަ ބިޔަ އިންވެސްޓްމަންޓްތަކަށް ބޭނުންވާ ގާނޫނީ ރައްކާތެރި

ކަމާއި ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި، ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު