ފޮޓޯ: ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ފޮޓޯ: ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ދައުލަތުގެ ހިންގުން ޒަމާނީކޮށް، ޓެކްނޮލޮޖީގެ ރޮނގުން މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ "ޑިޖިޓަލް ފޯރ އޯލް" ކެމްޕެއިންގެ ދަށުން، ދައުލަތުގެ 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަމްރީނުތައް ދީފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މި ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ ސެޝަންތައް ވެސް މިހާރު ވަނީ ފަށާފައި ކަމަށެވެ. އެގޮތުން އަލަށް ތައާރަފުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމަށް ބޭނުންވާ އިލްމާއި ހުނަރު ސަރުކާރުގެ ކޮންމެ މުވައްޒަފަކަށްވެސް ލިބިފައިވާކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" ރޯޑްމެޕްގެ 7 ވަނަ ތަނބުގެ ދަށުން ހާސިލުކުރަން ބޭނުންވާ މުހިއްމު އަމާޒެއް ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ސިވިލް ސާވަންޓުން ފެށިގެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ޝާމިލުވާގޮތަށް ދައުލަތުގެ އެންމެހާ މުވައްޒަފުންގެ ޑިޖިޓަލް ހުނަރު އިތުރުކުރުމަކީ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. މި ޕްރޮގްރާމް ހިންގާ މައިންޑްކޯ އިން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހީތެރިކަމާއެކު އެ އޮފީހުގެ މުވައްޒަފުންނަށާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް "ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް" ތަމްރީން ޕްރޮގްރާމް މި މަހުގެ ތެރޭގައި ފަށާފައިވާކަން ހާމަކޮށްފައެވެ.

މިގޮތުން، މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް ހުސްވި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވިއިރު، ދެވަނަ ބެޗުގެ ތަމްރީނުތައް މި މަހުގެ 8 އަދި 9 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާނެއެވެ. ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން 130 އަށް ވުރެ ގިނަ ބޭފުޅުން މިހާތަނަށް މި ތަމްރީނުގައި ބައިވެރިވެ ވަޑައިގެންފައިވާއިރު، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ސިޔާސީ ގިނަ މުވައްޒަފުންނަށް މި ތަމްރީން ފޯރުކޮށްދިނުން ކަމަށް މައިންޑްކޯ އިން ބުނެފައިވެއެވެ.

މައިންޑްކޯގެ ފިއުޗަރ އިންސްޓިޓިއުޓުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދެނީ އަމަލީ މައިދާނުގައި ބޭނުންހިފޭނެ ޑިޖިޓަލް އަދި އޭއައި ހުނަރުތަކެވެ. އަދި އައު ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމާއި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އޭއައި ޓޫލްސްތައް ބޭނުންކުރާނެ ގޮތާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ އިތުރުން އޭއައި ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތައް ދެނެގަނެ، އިންސާނީ ވިސްނުމާއި ޖަވާބުދާރީވުން ދެމެހެއްޓުމުގެ މައްޗަށް މި ތަމްރީނުގައި އަލިއަޅުވާލައެވެ. ޑިޖިޓަލް އިންގިލާބެއްގެ ކާމިޔާބީ ބިނާވެފައިވަނީ ނިޒާމުތައް ތައާރަފުކުރުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރާނެ މީހުންގެ އިލްމާއި އަމަލީ ހުނަރު ތަރައްޤީކުރުމުގެ މައްޗަށެވެ.

ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް މި ހަރަކާތް ފުޅާކުރަމުން އަންނައިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އިތުރުން، މި ހަރަކާތުގައި ބައިވެރިވި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންވެސް ވަނީ ތަމްރީނު ކޮށްފައެވެ. ޖުމްލަ 8 މުއައްސަސާއަކަށް މި ކެމްޕޭން ފުޅާކޮށް، 15 ސެޕްޓެމްބަރު 2026 ގައި ސެޝަންތައް ހިންގަން ފެށިފަހުން މިހާތަނަށް ދައުލަތުގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

"ޑިޖިޓަލް ފޯރ އޯލް" ޤައުމީ ކެމްޕެއިން ފިއުޗަރ އިންސްޓިޓިއުޓުން ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ބެއްލެވުމުގެ ދަށުންނެވެ. އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ ރެގިއުލޭޓަރީ އިރުޝާދުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތިރާޖީ ނިންމެވުންތަކާ އެއްގޮތަށެވެ. މި ކެމްޕޭނުގެ އަމާޒަކީ ޑިޖިޓަލް މުޖުތަމައެއްގައި ފަރުދުންނަށް އިތުބާރާއި ރައްކާތެރިކަމާއެކު ބައިވެރިވެވޭނެ މުސްތަގުބަލެއް ބިނާކުރުމެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް