އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭގޮތުން އާންމު ވޯޓެއް ނުވަތަ ރިފަރެންޑަމެއް ބޭއްވުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ތަރައްގީކުރުމުގެ ދާއިރާއަށް ހާއްސަކޮށްގެން އެކުލަވާލާ ފުރަތަމަ ގާނޫނު "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްފަހު އެބިލްގެ ތަފްސީލް ހާމަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި މަޝްރޫއާ ގުޅޭގޮތުން ދައްކަމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ލިބޭނީ މުޅިންވެސް މަންފާއާއި ކުރިއެރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. ނަމަވެސް އެކަމަށް އިންކާރުކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި ދައުލަތުގެ ސިޔާދަތާއި މިނިވަންކަމުގެ އިތުރުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގެ އެންމެހާ ކަންކަން އަލަށް ހުށަހެޅުނު ގާނޫނީ އޮނިގަނޑުގެ ތެރެއިން ވަރަށް ފުރިހަމައަށް ކަށަވަރުކޮށްދީފައިވާނެ ކަމަށެވެ.

"މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިނގާނެ ކަމެއް ނޫން. މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މި ހުރީ ދިވެހި ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާނަތް ކުރެވިގެންދާ ގޮތަށް ރިއާޔަތް ކުރެވިފައި މި އޮތީ ސީދާ ގާނޫނުގައި،" ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް