ސިންގަޕޫރު
ސިންގަޕޫރު
ސިންގަޕޫރުގެ ވަރކް ޕާމިޓް އުސޫލަށް ގެނެވުނު ބަދަލުތަކާއެކު، ބޭރު ގައުމުތަކުގެ މަސައްކަތްތެރިންނަށް އެ ގައުމުން އިތުރު 8 ދާއިރާއަކުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސިންގަޕޫރުގެ މިނިސްޓްރީ އޮފް މޭންޕަވަރ (އެމްއޯއެމް) އިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި ބަދަލު ގެނެސްފައިވަނީ ކާބޯތަކެތީގެ ހިދުމަތްތަކާއި، އިޖުތިމާއީ ހިދުމަތްތަކުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ކުރިމަތިވެފައިވާ މަސައްކަތްތެރިންގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

މި އުސޫލުގެ ދަށުން އަލަށް ހުޅުވާލެވުނު 8 ވަޒީފާގެ ތެރޭގައި ހިމެނެނީ މަސް އަދި އެއްގަމުމަސް ތައްޔާރުކުރާ މީހުން، ކާބޯތަކެތި ވިއްކާ ކިއޮސްކުތަކުގެ އެހީތެރިން، ކަށިކެޔޮ/ބަދިގޭގެ އެހީތެރިން، ވެއިޓަރުން، ފްލައިޓް އެޓެންޑެންޓުން، ކުޑަކުދިން ބަލަހައްޓާ މީހުން (ބޭބީސިޓަރުން)، އެޑިއުކޭރަރުން، އަދި ޓީޗަރުންގެ އެހީތެރިންނެވެ.

މި ފުރުސަތުތައް ހުޅުވާލެވިފައިވާ ނޮން-ޓްރެޑިޝަނަލް ސޯސަސް (އެންޓީއެސް) ގައުމުތަކުގެ ތެރޭގައި ސްރީލަންކާގެ އިތުރުން ބަންގްލާދޭޝް، ބޫޓާން، ކެމްބޯޑިއާ، އިންޑިއާ، ލާއޯސް، މިޔަންމާ، ފިލިޕީންސް އަދި ތައިލޭންޑް ހިމެނެއެވެ.

މި އާ ގަވާއިދުގެ ދަށުން ބޭރު މަސައްކަތްތެރިން ވަޒީފާއަށް ނަގާ ކުންފުނިތަކުން، އެ މުވައްޒަފުންނަށް މަހަކު މަދުވެގެން 2,000 ސިންގަޕޫރު ޑޮލަރުގެ މުސާރައެއް ދޭންޖެހޭނެއެވެ. މީގެ އިތުރުން، އެންޓީއެސް އުސޫލުގެ ދަށުން ނަގާ މުވައްޒަފުންގެ އަދަދު ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ 8 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެކަމަށްވެސް އަންގާފައިވެއެވެ.

ސިންގަޕޫރުގެ މޭންޕަވަރ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބަދަލަކީ އެ ގައުމުގެ ރައްޔިތުން ލިބުން ދަތިވެފައިވާ ދާއިރާތަކަށް ލުޔެއް ހޯދައިދިނުމަށް 2026 މާޗު މަހު އިއުލާނުކޮށް، ސެޕްޓެމްބަރު މަހުން ޝާއިއުކޮށްފައިވާ ސިޔާސަތެކެވެ.

ނަމަވެސް، މިއީ ވަޒީފާ ނުވަތަ ވަރކް ޕާމިޓް އެކީގައި ކަށަވަރުވާ ކަމެއް ނޫންކަމަށާއި، ވަޒީފާ ދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކުރަންޖެހޭނެކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް