އެޗްޑީސީއާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުން
އެޗްޑީސީއާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުން
ތިމާވެށި ރައްކާތެރިކުރުމަށާއި ކަނޑުގެ ދިރުންތައް އާލާކުރުމުގެ އިތުރުން މުޖުތަމައުގައި އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތް ގުޅިގެން ތިމާވެށި ހިމާޔަތްކުރުމަށާއި، އިޖްތިމާއީ އަދި ތައުލީމީ ގޮތުން މުޖުތަމައަށް ފައިދާހުރި އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި 'ދޫނިޔާ ޑައިވް ރެކް' ގައި މުރަކަ އިންދައި އާލާކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތަށް، ސީޑް އިނިޝިއޭޓިވްގެ ފަރާތުން ފަންނީ އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި:

ވޮލަންޓިއަރުން ބައިވެރިކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުން

ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން

ޗެނަލް ޕާކާއި ކުޑަގިރި ސަރަހައްދުގައި ތިމާވެށި ހިމާޔަތްކުރުމުގެ އެކި ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށްގެންދިއުން

އެޗްޑީސީން ހާމަކުރި ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީކުރުމެވެ. އަދި ހުޅުމާލޭގެ ފަޅާއި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް މި އެއްބަސްވުމުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު