ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު
ތައުލީމީ ދާއިރާގެ މުވައްޒަފުން އޮބަހައްޓައި އެ މީހުންގެ ހައްގުތައް ހަނިކުރުމަށްޓަކައި ހީލަތްތެރި މާއްދާތަކެއް ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައިވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރު ތުހުމަތުކުރައްވައިފިއެވެ.

ހޯމް ސްކޫލިންގެ ނިޒާމު ތައާރަފްކުރުމުގެ މަގްސަދުގައި ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ، މިއީ ދައުލަތުން ކުރަންޖެހޭ ހަރަދުތައް ނުކޮށް، ދަރިވަރުން ސްކޫލުތަކަށް ގޮސްގެން ތައުލީމު އުނގެނުން ހުއްޓުވުމުގެ މަގްސަދުގައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

އަދި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ކުރާ ހަރަދުތައް ކުޑަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ މަންފާއާއި ލާބައަށް ވަޒީފާތައް އިތުރުކުރުމަށާއި، ބާރުތައް އެއްކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޓީޗަރުންނާއި މުވައްޒަފުންގެ ހައްގުތައް ހިފެހެއްޓޭނެ ފަދަ ބާރުތަކެއް ބިލާއި ގަވާއިދުތަކުގެ ތެރެއަށް ލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެއިތުރުން، އެކެޑެމިކް ކަލަންޑަރަށް ކުއްލި ކުއްލިއަށް ބަދަލު ގެންނާތީ މައުރޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކުރީގެ ސަރުކާރުން ސްކޫލުތަކުގެ ބޮޑު ޗުއްޓީ ރިސޯޓުތަކުގެ ލޯ ސީޒަނާ ދިމާވާ ގޮތަށް އަހަރުގެ މެދުތެރެއަށް ބަދަލުކުރީ އާއިލާތަކަށް ހަރަދުކުޑަކޮށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން އެ ބަދަލުތައް އަލުން އަނބުރާ ގެންނަނީ އެއްވެސް މަޝްވަރާއެއް ނެތި، ހަމައެކަނި ކުރީ ސަރުކާރުން ކުރި ކަމަކަށް ވާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ހައި ސީޒަންގައި ދަތުރުފަތުރާއި އެކޮމޮޑޭޝަންގެ އަގު ބޮޑުވުމުގެ ސަބަބުން އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް