އެމްޓީސީސީގެ އަހަރީ ޢާއްމު ޖަލްސާ
އެމްޓީސީސީގެ އަހަރީ ޢާއްމު ޖަލްސާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ވޭތުވެދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ 20:30 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ. މި ޖަލްސާގައި 59 ހިއްސާދާރުން އަމިއްލައަށް ބައިވެރިވެވަޑައިގެންނެވި އިރު، 14 ހިއްސާދާރުން ތަމްސީލުކުރެއްވީ ޕްރޮކްސީ މެދުވެރިކޮށެވެ. މިއީ ޖުމްލަ 5،602،272 ހިއްސާ ނުވަތަ ކުންފުނީގެ 69.75 އިންސައްތަ ހިއްސާދާރުންގެ ތަމްސީލުވުމެކެވެ.

މި ޖަލްސާގައި ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި، 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ހިއްސާދާރުން ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން، 2023 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބުތަކާއި، ޑިރެކްޓަރުންގެ ރިޕޯޓުގެ އިތުރުން ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހެޅުނު އިސްލާހުތައް ވަނީ ފާސްކޮށްފައެވެ. އަދި 2025 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި "ޑެލޮއިޓް ޕާޓްނާސް" ވަނީ ހަމަޖައްސާފައެވެ.

މި ޖަލްސާގައި ސަރުކާރާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތަމްސީލުކުރެއްވި ޑިރެކްޓަރުންގެ ތެރޭގައި ޗެއާޕާސަން އަލްފާޟިލާ ސަޢާދާ އިބްރާހީމާއި، މެނޭޖިންގ ޑިރެކްޓަރ އަދި އެގްޒެކެޓިވް ޑިރެކްޓަރ ޑީ.ސީ.ޕީ (ރޓޑ) އަޙުމަދު ސަޢުދީ އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޖަމްޝީދު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އަލްފާޟިލް ޢަލީ ނާއިލް، އަލްފާޟިލް ޔާސީން ޙުސައިން، އަލްފާޟިލް މުޙައްމަދު ޢިމްރާން ޢަދުނާނު އަދި އަލްފާޟިލް ނަޞްރަތު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަލްސާއަށްފަހު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތިއްބެވި ޑިރެކްޓަރުންގެ ތެރެއިން މުޙައްމަދު ޢިމްރާން ޢަދުނާނާއި ނަޞްރަތު މުޙައްމަދުގެ ދައުރު ވަނީ ހަމަވެފައެވެ. މި ދެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހު، އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރި ޑިރެކްޓަރަކީ ރ. ރަސްގެތީމު، ހުދުވެލި، އަލްފާޟިލް ޙުސައިން ޙަސަންފުޅު (ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރ) އެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ހުސްވެފައިވާ އަނެއް މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ފަހުން އިއުލާނުކުރާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ބުނީ، ކުންފުނީގެ އަބަދުވެސް އެންމެ ބޮޑު އަމާޒަކީ ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކޮށް، މާލީ ފުދުންތެރިކަން އިތުރުކޮށްދީ، މަންފާ އެންމެ މަތީ ދަރަޖައަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި "ރައްޔިތުންގެ ކުންފުނި" ގެ ގޮތުގައި ދަމަހައްޓަމުން އަންނަ ޝިއާރު ދަމަހައްޓައި، އިސްތިރާޖީ ރޭވުންތަކާ އެކު ކުރިއަށް އޮތް ތަނުގައިވެސް ކުންފުންޏަށް އިތުރު ކާމިޔާބީތައް ހޯދައިދިނުމުގައި މެނޭޖްމަންޓާއި މުވައްޒަފުން ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު