ޗައިނާގެ ފޫޖިއަން ޕްރޮވިންޝަލް އޮފީހާއެކު ބޭއްވި ބައްދަލުވުން-
ޗައިނާގެ ފޫޖިއަން ޕްރޮވިންޝަލް އޮފީހާއެކު ބޭއްވި ބައްދަލުވުން-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ "ގްރީން ނާސަރީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ މުރާޖަޢާ ބައްދަލުވުމެއް ޗައިނާގެ ފޫޖިއަން ޕްރޮވިންޝަލް އޮފީހާއެކު ބާއްވައިފިއެވެ.

ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ފެހިކަން އިތުރުކުރުމަށްޓަކައި ޤާއިމުކުރެވޭ ގްރީން ނާސަރީ މަޝްރޫޢުގެ މަސައްކަތްތައް މިހާތަނަށް ކުރިއަށް ގޮސްފައިވާ މިންވަރު ވަޒަންކޮށް ދެނެގަތުމެވެ. އަދި މީގެއިތުރުން، ކުރިއަށް އޮތް މަރުޙަލާތަކުގައި މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ގެންދެވޭނެ އިންތިޒާމުތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ފޫޖިއަން ޕްރޮވިންޝަލް އޮފީހުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ތެރެއިން ދެ ފަރާތުގެ ދެމެދުގައި ވަނީ މަޝްރޫޢުގެ ފަންނީ އެކި ކަންކަމަށާއި، ރާއްޖޭގައި ނާސަރީ ތަރައްޤީކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އަގުހުރި ޚިޔާލުތަކެއް ބަދަލުކުރަށްވާފައެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފެހި އަދި ދުޅަހެޔޮ މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ވަރަށް މުހިންމު ވަޢުދެކެވެ.

މިގޮތުން ޗައިނާގެ ފޫޖިއަން ޕްރޮވިންސާއެކު ގުޅިގެން ކުރިއަށްގެންދެވޭ މި ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ބޭނުންވާ ފެންވަރު ރަނގަޅު ގަސް އުފައްދައި، ރާއްޖޭގެ ގްރީން ނާސަރީތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެޅިގެންދިޔަ މުހިންމު އަދި ބިނާކުރަނިވި ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު