މީގެކުރިން ވަކީލުކަމުގެ ހުއްދަ ހޯއްދެވި ވަކީލުންތަކެއް
މީގެކުރިން ވަކީލުކަމުގެ ހުއްދަ ހޯއްދެވި ވަކީލުންތަކެއް
ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އަލަށް 9 ބޭފުޅަކު ޤާނޫނީ ވަކީލުކަމުގެ ހުވައިކުރަށްވައި، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ހޯއްދަވައިފިއެވެ. މިއީ މި އަހަރުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށްޓަކައި އެ ކައުންސިލުން އިންތިޒާމުކުރި ހަތަރުވަނަ ރަސްމިއްޔާތެވެ.

މި ރަސްމިއްޔާތުގައި އަލަށް ހުވައިކުރެއްވި ވަކީލުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން އެވެ. އަދި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

މި ބޭފުޅުން ޤާނޫނީ ފަންނާ ގުޅިވަޑައިގެންފައިވަނީ ކޮލިފައިންގ ލޯ ޑިގްރީއެއް ފުރިހަމަކުރެއްވުމަށްފަހު، މަސައްކަތުގެ ޢަމަލީ ތަޖުރިބާގެ ޕްރޮގްރާމް ނިންމަވައި، އަދި ބާ އިމްތިޙާނުން ފާސްވެގެންނެވެ. އެހެންކަމުން އިްޔެއަކީ އެ ބޭފުޅުންގެ ޢިލްމީ އަދި ފަންނީ ޙަޔާތުގައި ޙާޞިލު ކުރެއްވި ބޮޑު ކާމިޔާބީއެއް ފާހަގަކުރެވިގެންދިޔަ އުފާވެރި ދުވަހެކެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ފަނޑިޔާރު މުޙައްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ޤާނޫނީ ދާއިރާއާ އަލަށް ގުޅިވަޑައިގެންނެވި ވަކީލުންނަށް މަރުޙަބާ ވިދާޅުވަމުން، އެތައް އަހަރެއްގެ ބުރަ މަސައްކަތުން ޙާޞިލުކުރެއްވި ޤާނޫނީ ޢިލްމަކީ ބޮޑު މަސްއޫލިއްޔަތެއް އުފުލަންޖެހޭ ކަމެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި ޤާނޫނީ ޢިލްމުގެ އެންމެ ހެޔޮ ބޭނުން ހިފައި، ޢަދުލު އިންޞާފު ޤާއިމުކުރުމަށާއި މުޅި މުޖުތަމަޢުގެ ލާބައަށްޓަކައި އެ ޢިލްމު ބޭނުންކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން، ޝަރުޢީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގައްޔާއި، ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމުގައި ވަކީލުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު ޙުސައިން ސިރާޖް ދެއްކެވި ވާހަކަފުޅުގައި، ވަކީލުކަމުގެ ހުވަޔަކީ ޤާނޫނުއަސާސީއާއި ޤާނޫނު ނަގަހައްޓައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، ތެދުވެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ވެވޭ ވަރުގަދަ ޢަހުދެއްކަން ފާހަގަކުރެއްވިއެވެ. އަދި މުވައްކިލުންގެ ސިއްރު ހިފެހެއްޓުމާއި، މަޞްލަޙަތު ފުށުއަރާ ޙާލަތްތަކުން އެއްކިބާވުން ފަދަ ސުލޫކީ މިންގަނޑުތައް ހިފެހެއްޓެވުމަށާއި، އަލަށް ތަޢާރަފުވާ ޤާނޫނުތަކަށާއި ކޯޓުތަކުގެ ނިންމުންތަކަށް އަހުލުވެރިވެ، ފަންނީ ޤާބިލުކަން އިތުރުކުރެއްވުމަށް ބާރުއެޅުއްވިއެވެ. މީގެއިތުރުން، ޤާނޫނީ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ހިލޭ އެހީތެރިކަން (ޕްރޯ ބޯނޯ) ފޯރުކޮށްދިނުމަށް އިސްކަންދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ސިރާޖުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކޮލިފައިންގ ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތަކަށް ބާ ކައުންސިލުން މި އަހަރު ގެނައި ދެވަނަ އިޞްލާޙާއެކު، 1 ޖަނަވަރީ 2027 އިން ފެށިގެން އެ ޕްރޮގްރާމްތަކުގެ އިމްތިޙާނުތައް ހަދަންޖެހޭނީ ހާޒިރުވެގެން ކަމަށެވެ. މި ބަދަލުގެ މަޤްޞަދަކީ ޤާނޫނީ ޚިދުމަތް ދޭ ފަރާތްތަކަކީ އެ ފަންނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ބައެއްކަން ކަށަވަރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށާއި، މި ބަދަލުގެ ސަބަބުން ކޯހުގެ މާއްދާތަކަށާއި، ކިޔަވައިދޭ ގޮތަށް އަދި ކޯހުގެ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އިއްޔެ ހުއްދަ ހޯއްދެވި 9 ބޭފުޅުންނާއެކު، ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން މިހާތަނަށް 572 ފަރާތަކަށް ބާ ކައުންސިލުން ވަނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައެވެ. އަދި މިއާއެކު، ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 1،985 އަށް އަރާފައެވެ.

މި ރަސްމިއްޔާތުގައި ސުޕީރިއަރ ކޯޓުތަކުގެ ޤާޟީންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންނާއި، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ލޯ ފެކަލްޓީތަކުގެ ވެރިންނާއި ލެކްޗަރާއިން އަދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު