އަންނަ 2027 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ޖުމްލަ ބަޖެޓުގެ ޢަދަދަކީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތްސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މި ބަޖެޓަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ރިއާޔަތްކޮށް، މާލީ ޒިންމާދާރުކަމާއެކު އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.

ބަޖެޓުގެ ޚަރަދުތަކުގެ ތަފްޞީލް:

ހިންގުމުގެ ޚަރަދު: 42.7 ބިލިއަން ރުފިޔާ.

ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭހެން: 9.9 ބިލިއަން ރުފިޔާ.

ޚާއްޞަކޮށް ތަރައްޤީގެ މަޝްރޫޢުތަކަށް: 8.2 ބިލިއަން ރުފިޔާ.

އާމްދަނީ ލަފާކުރާ މިންވަރު:

އަންނަ 2027 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.2 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރު (2026 ވަނަ އަހަރަށް) ލަފާކުރި މިންވަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީގެއިތުރުން، މެދުރާސްތާގެ އަންދާޒާތަކުން ދައްކާގޮތުގައި ދައުލަތުގެ އާމްދަނީ ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވެގެންދާނެއެވެ. އެގޮތުން:

2028 ވަނަ އަހަރު: 46.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ.

2029 ވަނަ އަހަރު: 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ.

އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު:

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އެއްވެސް ޓެކުހެއް ބޮޑު ނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ފިޔަވަޅުތައް އަޅާނީ ޓެކުހުގެ ނިޒާމު ހަރުދަނާކޮށް، ޤާނޫނީ ގޮތުން ހުރި ލޫޕްހޯލްތައް (އުނިކަމާއި ޖާގަތައް) ބައްދައިގެންނެވެ.

"މި އަންނަ އަހަރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކުހެއް މަތި ނުކުރުމަށް ވަނީ ނިންމާފައި. އޭގެ ބަދަލުގައި ދައުލަތުގެ ޓެކުހުގެ ނިޒާމު އެފިޝިއެންޓްކޮށް، މިހާރު ހުރި ލޫޕްހޯލްތައް ބައްދައި، ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު