އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
މީހުން ޓްރެފިކްކުރުމާ ދެކޮޅަށް އިންޓަޕޯލުން ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން، މާލެއާއި ހުޅުމާލެއިން ޖުމްލަ 7 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މީސްމީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ އިންޓަޕޯލްއިން މި ހިނގާ އޮކްޓޫބަރު މަހު ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ "އޮޕަރޭޝަން ސްޓޯމް މޭކަރ 4" ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ އިންސާނީ ވަގުފާރި ނުވަތަ މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި، މިފަދަ ކަންކަން ހުއްޓުވުމަށް މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރުމެވެ. އެގޮތުން އިއްޔެ ވަނީ ޚާއްސަ އިންސްޕެކްޝަނަކާއި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، އިއްޔެ މާލޭގެ ބާޒާރު ސަރަހައްދާއި ނޯތު ހާބަރުން ޖުމްލަ 160 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ޚިލާފުވި 9 މީހަކަށް ހާޒިރުވުމުގެ ނޯޓިސް ދީފައިވާއިރު، އެކަކު ވަނީ ވަގުތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެއިތުރުން، މި އޮޕަރޭޝަންގެ ތެރެއިން ރޭ ހުޅުމާލޭގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް ވެސް ވަނީ ފާސްކޮށްފައެވެ. އެ ތަނުން 79 ބިދޭސީއަކު ޗެކްކުރުމަށްފަހު، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 6 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ތެރެއިން، މިފަދަ އިންސްޕެކްޝަންތައް މާލެއާއި އަތޮޅުތެރޭގައި ވެސް ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް