އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން
އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން
އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، ފްލޮރިޑާގެ ކޮއިނޯނިއާ ވޯޝިޕް ސެންޓަރުގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމްދީނަށާއި މުސްލިމުންނަށް އަމާޒުކޮށް ކުރެވޭ ނަފްރަތާއި ތަފާތުކުރުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ކްލިންޓަން ވިދާޅުވީ މުސްލިމަކަށްވީތީ އެ މީހުންގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަދެއްކުމާއި، ތަފާތުކުރުންތައް ގެންގުޅޭ މަންޒަރު ފެނުމުން އެކަމާ ނުހަނު ދެރަވާ ކަމަށެވެ. އަދި ތަފާތު ދީންތަކާއި ސަގާފަތްތަކުގެ މެދުގައި އޮންނަންޖެހޭނީ ހަސަދަވެރިކަމުގެ ބަދަލުގައި އެކަކު އަނެކަކު ދެނެގަތުމާއި އިހުތިރާމްކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ތަގުރީރުގައި ކްލިންޓަން ވަނީ ކީރިތި ގުރްއާނުގެ ސޫރަތުލް ހުޖުރާތުގެ 13 ވަނަ އާޔަތް ނަންގަވައި، އެ އާޔަތުގެ މާނަ ވިދާޅުވެދެއްވާފައެވެ. އިންސާނުން ތަފާތު ގައުމުތަކާއި ގަބީލާތަކަށް ހެއްދެވީ އެކަކު އަނެކަކު ދެނެގަނެ އެކުވެރިވުމަށްޓަކައި ކަން އެ އާޔަތުން އެނގޭކަން ފާހަގަކުރައްވަމުން، ކްލިންޓަން ވިދާޅުވީ ގުރްއާނުގެ މި މެސެޖަކީ މުޅި އިންސާނިއްޔަތަށް އޮތް މުހިންމު އިރުޝާދެއް ކަމަށެވެ.

މީގެ އިތުރުން، ކްލިންޓަންގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަން އުމުރުން 15 އަހަރުގައި ކީރިތި ގުރްއާން ފުރިހަމައަށް ކިޔަވައިވިދާޅުވި ހަނދާން އެމަނިކުފާނު އާކުރެއްވިއެވެ. އެދުވަސްވަރު ޗެލްސީ ވަނީ ގުރްއާނުގައިވާ މަތިވެރި މެސެޖުތަކާއި އިރުޝާދުތަކާ ބެހޭގޮތުން ބައްޕާފުޅާ ހިއްސާކުރައްވައި، އެ ފޮތް ކިޔެވުމަށް އެދިވަޑައިގެންފައެވެ.

ކްލިންޓަން ވިދާޅުވީ އެ ދުވަހުން ފެށިގެން ގުރްއާނުން ފެންނަން އޮތް އެކުވެރިކަމާއި ބަދަހިކަމުގެ މެސެޖަކީ އެމަނިކުފާނު ނުހަނު ގަދަރުކުރައްވާ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް