ބޭރުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމް
ބޭރުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމް
ސްރީލަންކާގެ ގޯލް ސަރަޙައްދުގައި ހުންނަ ކަރަޕިޓިޔާ ނޭޝަނަލް ހޮސްޕިޓަލުގައި، އެ ޤައުމުގެ ހިތުގެ ނުރައްކާތެރި އަދި ބާވަތުގެ ގޮތުން ބޮޑެތި އުނދަގޫތައް ހުންނަ 15 ކުއްޖަކަށް ހިލޭ ހިތުގެ އޮޕްރޭޝަން ކޮށްދިނުމުގެ ޕްރޮގްރާމެއް ބޭރުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން ފަށައިފިއެވެ.

'ޓޭކް ހާޓް މަރސީ މިޝަން' ކިޔާ ޗެރިޓީ ޖަމްޢިއްޔާއެއްގެ މި ޓީމުން ކުރިއަށް ގެންދާ މި އޮޕްރޭޝަންތަކަކީ، ލަންކާގައި އާންމުކޮށް ކުރުމަށް ފަސޭހަނޫން އަދި ބޮޑެތި ބަލިތަކަށް ފަރުވާދިނުމަށް ކުރާ އޮޕްރޭޝަންތަކެކެވެ.

މި މަސައްކަތް ކުރިއަށްދަނީ އެ ހޮސްޕިޓަލުގެ ކާޑިއޯތޮރެސިކް ސަރޖަރީ ޔުނިޓާއި ލަންކާގެ ޞިއްޙީ ދާއިރާގެ މާހިރުން ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ކަންކަން ގާތުން ބައްލަވާލެއްވުމަށްޓަކައި ޞިއްޙީ ވުޒާރާގެ ނައިބު ވަޒީރު ހަންސަކަ ވިޖެމުނީ މިއަދު ވަނީ އެ ހޮސްޕިޓަލަށް ޒިޔާރަތުކުރައްވާފައެވެ.

އެ މަނިކުފާނު ވަނީ ކުރިއަށްދާ އޮޕްރޭޝަނެއް ބައްލަވާލާއްވައި، ކުޑަކުދިންގެ އިންޓެންސިވް ކެއަރ ޔުނިޓް އަށް ޒިޔާރަތުކުރައްވައި ބަލިމީހުންގެ ޙާލަތު އޮޅުންފިލުއްވާފައެވެ.

ނައިބު ވަޒީރު ވިދާޅުވިގޮތުގައި، މީގެ ކުރިން ލަންކާގެ ޑޮކްޓަރުންނަށް މިފަދަ ބަލިތައް ރަނގަޅަށް ދެނެގަނެވުނު ނަމަވެސް، އެކަށީގެންވާ ފެންވަރުގައި ލޯކަލްކޮށް ސަރޖަރީތައް ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

ނަމަވެސް މިފަދަ ޚާއްސަ ޕްރޮގްރާމްތަކުގެ ސަބަބުން ބަލި ކުދިންގެ ފުރާނަ ސަލާމަތްވެ، އެ ކުދިންނާއި އެ މީހުންގެ އާއިލާތަކުގެ މުސްތަގުބަލަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ ބަޖެޓަށް އެއްވެސް މާލީ ބުރައެއް ނުވާގޮތަށް، ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން، މި ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ބަލަހައްޓައި އަދި ބޭނުންވާ ސާމާނު ފޯރުކޮށްދެނީ އެ ޗެރިޓީ ޖަމްޢިއްޔާއިންނެވެ.

މީގެ އިތުރުން، ސިއްހީ ވުޒާރާގެ ޓިޝޫ ބޭންކުން ފޯރުކޮށްދިން ޓިޝޫއެއް ބޭނުންކޮށްގެން ހިތުގެ ބާވަތެއްގެ ބަދަލުކުރުމުގެ އާދަޔާޚިލާފު ބޮޑު އޮޕްރޭޝަނެއްވެސް މިއަދު ވަނީ ކާމިޔާބުކަމާއެކު ކޮށްފަ އެވެ. މިފަދަ ފުރުސަތުތަކުގެ ސަބަބުން ލަންކާގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށް ބޮޑެތި ތަޖުރިބާތަކާއި، ޓެކްނިކަލް ޢިލްމާއި، ޚާއްސަ ހުނަރުތައް ލިބިގެންދާނެ ކަމަށް ނައިބު ވަޒީރު ވިދާޅުވިއެވެ.

މީގެ 23 އަހަރު ކުރިން އުފެއްދި 'ޓޭކް ހާޓް މަރސީ މިޝަން' ޖަމްޢިއްޔާއިން ކޮންމެ އަހަރަކުވެސް ކަރަޕިޓިޔާ ހޮސްޕިޓަލަށް ޒިޔާރަތުކޮށް، އުފެދުމުގައިވެސް ހިތުގެ އައިބުތައް ހުންނަ ކުދިންނަށް ހިލޭ މިފަދަ ފަރުވާތައް ފޯރުކޮށްދެއެވެ.

މި ޒިޔާރަތުގައި ހޮސްޕިޓަލްގެ ޑިރެކްޓަރ ޑރ. ޕްރިޔަންތަ އާތަޕައްތު އާއި، އެ ޖަމްޢިއްޔާގެ މެޑިކަލް ޓީމުގެ ބޭފުޅުން އަދި ލަންކާގެ ޞިއްޙީ ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް