ފިހާރައެއްގައި ވިއްކަން ހުރި މުދާ، ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފިހާރައެއްގައި ވިއްކަން ހުރި މުދާ، ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ޤާނޫނާ އެއްގޮތަށް އަގު ޖަހާފައިވޭތޯ ބެލުމަށް ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގެ ތެރެއިން، ޤަވާޢިދާ ޚިލާފުވި 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފިއެވެ.

މި އޮކްޓޯބަރު މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީން މާލޭގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 34 ފިހާރައެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެ މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޗެކްކުރެވުނު ތަންތަނުގެ ތެރެއިން ޤާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހައިގެން ވިޔަފާރި ކުރަމުންދިޔައީ ބަލައި ފާސްކުރި ފިހާރަތަކުގެ ތެރެއިން 17 ފިހާރައެއްގައެވެ. އަދި ބާކީ 17 ފިހާރައިން މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފުވެފައިވާތީ، އެ ތަންތަނަށް ވަނީ ޤާނޫނާ އެއްގޮތަށް އަގު ޖެހުމަށް އަންގައި ނޯޓިސް ފޮނުވާފައެވެ.

މި ފިޔަވަޅު އަޅަން ފަށާފައި މިވަނީ، ވިޔަފާރި މަރުކަޒުތަކުން މުދާ ގަންނައިރު އަގު ސާފުވާން ނުހުންނަކަމުގެ ޝަކުވާ އާންމުންގެ ފަރާތުން މެދުނުކެނޑި ލިބެމުންދާތީ، އެކަން ހައްލުކުރުމަށް މި މަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން އިއުލާނުކުރުމަށް ފަހުގައެވެ. މުދާ ގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ވިޔަފާރީގެ މާހައުލު ހަރުދަނާ ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ވިއްކާ އެއްޗެއްގެ އަގު ކަސްޓަމަރަށް ސާފުކޮށް އެނގެން ނެތް ގޮތަކަށް މުދާ ބެހެއްޓުމަކީ ޤާނޫނީ ކުށެކެވެ. އެގޮތުން ސީދާ މުދަލުގައި އަގު ލިޔެފައި ނުވަތަ ލޭބަލް ހަރުކޮށްފައި ހުންނަންޖެހޭނެއެވެ. އަދި މުދާ ބަހައްޓާފައި ހުންނަ ހަރުގަނޑުތަކުގައި އަގު ބަޔާންކުރާނަމަ، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ފަސޭހައިން އޮޅުންފިލާނެ ފަދަ ސާފު ގޮތަކަށް ފެންނަން ހުންނަންވާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ވިޔަފާރިތައް މޮނިޓަރ ކުރުމުގެ ގޮތުން ހިންގާ މި އިންސްޕެކްޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި މުދަލުގައި އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުމާއި، އެނޫންވެސް ހަރުކަށި ފިޔަވަޅުތައް ވަގުތުން އަޅަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް