އަމީނީ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
އަމީނީ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިމުމުން، މަގުމަތީގެ ނިޝާންތަކާއި ޓްރެފިކް ލައިންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން މަގުތަކުގެ ފެންވަރު ރަނގަޅުވެގެން ދިއުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، އަމާން އޮމާން ދަތުރުފަތުރަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ ތިންވަނަ ސެގްމަންޓަކީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދު އޮންނަ 1،924.77 އަކަމީޓަރުގެ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ކުރިން އަޅާފައިވާ ބާ ތާރުތައް ނެގުމަށްފަހު، އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި، އެމްސީ-30 ޕްރައިމް ކޯޓު ޖެހުމުގެ މަރުހަލާ އެއްކޮށް ނިންމާލުމަށްފަހު މިހާރު މިވަނީ ތާރުއެޅުމުގެ މަސައްކަތް ބާރުދުވެލީގައި ފަށާފައެވެ.

ތާރުއެޅުމުގެ މަސައްކަތް ނިމުނު ކަމުގައިވިޔަސް، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމުގެ ކުރިން ތާރުގަނޑު ރަނގަޅަށް ހިކި ހަރުވުމަށް ވަގުތު ބޭނުންވާނެއެވެ. ފަންނީ މާހިރުން ވިދާޅުވާ ގޮތުގައި، ރާއްޖޭގެ ހޫނުގަދަ މާހައުލުގައި ބަސް ފަދަ ބަރު އުޅަނދުތައް ދުއްވަން ފެށުމުގެ ކުރިން މި މުއްދަތު ދިނުމަކީ މަގު އަވަހަށް ހަލާކުނުވެ ގިނަ ދުވަހަށް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.





މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި ދަތުރުފަތުރަށް ހުޅުވާލާފައެވެ. އެއީ ދިވެހިރާއްޖޭގެ އަޑު އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އޮތް ފުރަތަމަ ސެގްމަންޓާއި، އަޑު ކައިރީގެ ކަންމަތިތައް ހިމެނޭ ދެވަނަ ސެގްމަންޓެވެ. ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމުން، ދެން ފަށާނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް 1،148.91 އަކަމީޓަރުގެ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތެވެ.

މިނިސްޓްރީ އޮފް ހައުސިންގ، އިންފްރާސްޓްރަކްޗަރ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، އަމީނީ މަގުގައި ކުރިން އަޅާފައިވާ ތާރުގަނޑު ހަލާކުވެ އަޑިގުޑަން ހެދުމާއި، ވިއްސާރަ މޫސުމުގައި މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ދައުލަތުގެ ބަޖެޓުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދެ ފަށަލައަށް ތާރުއަޅައިގެން، ދިގު މުއްދަތަކަށް ދެމިގެންދާނެ ފެންވަރު ރަނގަޅު ޒަމާނީ މަގެއްގެ ގޮތުގައި އަމީނީ މަގު އަލުން ތަރައްޤީކޮށް ނިންމުމެވެ.



ކިޔުންތެރިންގެ ހިޔާލު