މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާއެއް ފެށުން
މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާއެއް ފެށުން
މާލެ ސަރަޙައްދުގެ ކަނޑުއަޑީގައި ލޮނުފެން މީރުފެނަށް ބަދަލުކުރާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ ޢަމަލީ ދިރާސާތައް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ފަށައިފިއެވެ.

މިއީ 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް، ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީ ކަށަވަރުކުރުމަށްޓަކައި ފަށާފައިވާ މުހިންމު އިސްނެގުމެކެވެ.

މި ދިރާސާގެ ތެރެއިން، އެންމެ ޒަމާނީ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުގެ 500 މީޓަރު އަޑިން މިހާރު ވަނީ ފެނުގެ ސާމްޕަލް ނަގާފައެވެ.

ފުރަތަމަ މަރުޙަލާގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި، މި ސަރަޙައްދުން ނެގުނު ފެނަކީ އާދަޔާޚިލާފަށް ސާފު ފެނެކެވެ. މި ދިރާސާއިން އެއްކުރެވޭ މަޢުލޫމާތާއި ލެބޯޓްރީގެ ނަތީޖާތަކަށް ބަލައި، މި ޓެކްނޮލޮޖީއަކީ ފަންނީ އަދި އިޤްތިޞާދީ ގޮތުން ކާމިޔާބު ނިޒާމެއްކަން ކަށަވަރުކުރެވިގެންދާނެއެވެ.

މި ނިޒާމު ޢަމަލީގޮތުން ޤާއިމުކުރެވުމާއެކު، ފެން އުފެއްދުމަށް ހޭދަވާ ހަކަތަ 40 އާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

އަދި މީގެ އިތުރުން، މި ޓެކްނޮލޮޖީގެ ސަބަބުން ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ނުހަނު ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެމް.ޑަބްލިއު.އެސް.ސީން މަޢުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު