ނޭޕާލްގެ ބުދީ ގަންދަކީ ކޯރު ފެންބޮޑުވެފައިވާ މަންޒަރެވެ. (ފޮޓޯ: ނޭޝަނަލް ޓްރަސްޓް ފޯ ނޭޗާ ކޮންޒަވޭޝަން - މަނަސްލޫ ކޮންޒަވޭޝަން އޭރިއާ ޕްރޮޖެކްޓް މެދުވެރިކޮށް އޭޕީ)
ނޭޕާލްގެ ބުދީ ގަންދަކީ ކޯރު ފެންބޮޑުވެފައިވާ މަންޒަރެވެ. (ފޮޓޯ: ނޭޝަނަލް ޓްރަސްޓް ފޯ ނޭޗާ ކޮންޒަވޭޝަން - މަނަސްލޫ ކޮންޒަވޭޝަން އޭރިއާ ޕްރޮޖެކްޓް މެދުވެރިކޮށް އޭޕީ)
ނޭޕާލުގެ މެދުތެރޭގެ ސަރަޙައްދުގައި ކުއްލިއަކަށް ފެންބޮޑުވުމުގެ ސަބަބުން ފަރުބަދަމަތީގެ ރީތިކަން ބަލައިލުމަށް ދަތުރުކުރަމުންދިޔަ ބޭރުގެ 100 އަށް ވުރެ ގިނަ ފަތުރުވެރިން އެކި ހިސާބުތަކުގައި ތާށިވެއްޖެއެވެ.

މި ހާދިސާ ދިމާވީ ނޭޕާލުގެ ގޯރްޚާ އަވަށުގައި "ބުދީ ގަންދަކީ" ކޯރު ބަންދުވެ، އުފެދުނު ފެންބޮޑުވުމާ ގުޅިގެންނެވެ. ވެރިރަށް ކަތަމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަޙައްދަށް ފާއިތުވި އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބިންގަނޑު ކަނޑައިގެން ގޮސް ކޯރު ބަންދުވުމާއެކު، އުފެދުނު ބާރުގަދަ ފެންގަނޑުގައި އެތައް ސަތޭކަ ގެދޮރަކާއި، ފާލަންތަކުގެ އިތުރުން ފަތުރުވެރިން ހިނގާފައި ދަތުރުކުރުމަށް ޚާއްޞަ މަގުތައް ވެސް ވަނީ ބަންދުވެފައެވެ.

މަނަސްލޫ ކޮންޒަވޭޝަން އޭރިއާ ޕްރޮޖެކްޓްގެ އޮފިޝަލެއް ކަމަށްވާ ބުވަން ރާޖް އޮޖާ ރޮއިޓާސްއަށް މަޢުލޫމާތު ދެއްވަމުން ހޯމަ ދުވަހު ވިދާޅުވީ، ދަތުރުވެރިންގެ މެދުގައި މަޤްބޫލު 'މަނަސްލޫ ޓްރެކިން' މަގުގެ ބޮޑު ބައެއް ހަލާކުވެފައިވުމުން، ގިނަ އަދަދެއްގެ މީހުން ދަތުރު ނުކުރެވި ހުއްޓިފައިވާ ކަމަށެވެ. އަދި އަނބުރާ ޤައުމަށް ދާން ބޭނުންވާ ފަތުރުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ވަގުތު މަގުމަތީގެ ރެސްޓޯރެންޓްތަކާއި ސައިހޮޓާތަކުގައި ހިޔާވަހިކަން ހޯދައިގެން ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި މިހާތަނަށް ވަނީ ބޭރުގެ 12 ފަތުރުވެރިން ހިމެނޭހެން ޖުމްލަ 321 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްދީފައެވެ. ނޭޕާލްގެ ސިފައިން ހާމަކުރި ގޮތުގައި، ކޯރުގެ ފެންގަނޑު މިހާރު ހިނދި ޗަކަސް ބިމެއްހެން އޮތް ނަމަވެސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަންގާރަ ދުވަހުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.

މި ފެންބޮޑުވުމުގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވި ނަމަވެސް، ބޯ ކިސަޑާއި ކުނިބުނި އެޅުމުގެ ސަބަބުން 200 އަށް ވުރެ ގިނަ ގެދޮރަށާއި ފެނުން ކަރަންޓު އުފައްދާ ތިން ޕްލާންޓަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެ އަވަށުގެ ފަސް މީހަކާ ގުޅުން ކެނޑިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ އޮތޯރިޓީން ބުނެއެވެ. ޖަގަތު އަވަށުގައި ތާށިވެފައި އިން ބަންގްލަދޭޝްގެ ދަތުރުވެރިއެއް ކަމަށްވާ މުޙައްމަދު ޝަހާދަތު ޙުސައިން އަނަދޯލޫ ނިއުސްއަށް ކިޔައިދިން ގޮތުގައި، އެމީހުން ތިބި ސަރަޙައްދުން ކަރަންޓާއި ފޯނުގެ ޚިދުމަތް ކެނޑި، ކާބޯތަކެތި ހުސްވަމުންދާތީ، ހެލިކޮޕްޓަރުގައި އެމީހުން ސަލާމަތްކޮށްދޭނެ ވަގުތަކަށް އެދި އިންތިޒާރު ކުރަމުންދާ ކަމަށެވެ.

ކޯރުގެ ފެންބޮޑުވުމުން ނުރައްކާ ބޮޑުވުމުގެ ފުރުސަތު އޮތުމުން، ކޯރުގެ ތިރީ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ވަގުތުން ދިއުމަށް ގޯރްޚާގެ އިދާރާތަކުން ވަނީ އަންގާފައެވެ. މީގެ އިތުރުން ގޯރްޚާ، ތަނަހޫން، ޗިތުވާން އަދި ނަވަލްޕަރާސީ ޑިސްޓްރިކްޓްގެ ކޯރުތަކުގެ އައްސޭރީގައި ދިރިއުޅޭ އާންމުންވެސް މި ދަނޑިވަޅުގައި އިތުރަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.





ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް