ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، މުސްލިމުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، މީސްމީޑިއާގައްޔާއި އެހެނިހެން ގޮތްގޮތުން މީހުންގެ އަބުރު ކަތިލުމުން ދުރުހެލިވުމަށް މުޅި މުޖުތަމަޢަށް ނަޞޭޙަތްތެރިވެ އެކަމަށް ގޮވާލައިފިއެވެ.

މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވިއިރު، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ވަނީ ނަހީކުރައްވާފައި ކަމަށެވެ. އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ މުހިންމު އަސާސެއްކަން ހަނދާން ކޮށްދީފައިވެއެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، މައްކާގެ ބިމާއި ޙައްޖު ދުވަހުގެ ޙުރުމަތްތެރިކަން ފަދައިން މުސްލިމުންގެ ލެޔާއި، މުދަލާއި، އަބުރު އަދި ހަށިތަކަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަން އިޢުލާންކުރައްވާފައެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މީހެއްގެ އަބުރު ކަތިލުމަކީ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް ވޭންދެނިވި، މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދިގެންދާ ފަދަ ނުރައްކާތެރި ޢަމަލެކެވެ. ނަޖިސް ޖަނަވާރަކަށް ހެޔޮކޮށް ހިތުމުން ވެސް ފާފަ ފުއްސަވައިދެއްވާއިރު، މާތް ﷲ ގެ ޙަޟުރަތުގައި ގެފުޅަށް ވުރެ ވެސް މުއުމިނެއްގެ ޙުރުމަތް ބޮޑުވެގެންވާ ކަމަށް ޙަދީޘްފުޅުތަކުން ސާބިތުވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

އަދި މި ސަބަބަށްޓަކައި، މީހުންގެ ބޮލުގައި ދޮގު ތުހުމަތު (ޤަޛްފު) ކުރުމާއި، ގޯސް ހީތައް ކުރުމާއި، ޖާސޫސްކުރުމާއި ޣީބަބުނުން އިސްލާމްދީނުގައި ހަރުކަށި އިބާރާތުން ޙަރާމްކުރައްވާފައިވާކަން ވެސް ފާހަގަކުރިއެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތަކާއި މީސްމީޑިއާގެ ޒަރީޢާއިން، ތެދުދޮގު ބެލުމެއްނެތި ހިނދުކޮޅެއްގެ ތެރޭގައި މީސްތަކުން ފަޟީޙަތްކޮށް އަބުރު ކަތިލަމުންދާ ދިއުމާމެދު ޚުޠުބާގައި ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ޅަދަރިންގެ ކުރިމަތީގައި ދެއްކޭ މިފަދަ ނުރަނގަޅު ނަމޫނާތަކުގެ ސަބަބުން މާދަމާ މުޅި ޤައުމުގެ ޙާލަތު ނިކަމެތިވެގެން ހިނގައިދާނެކަމުގެ އިންޒާރު ދެމުން، ދުލުގެ ނުބައިކަމުން ރައްކާތެރިވުމަށާއި، އަނެކުންގެ އަބުރެކޭ އެއްފަދައިން އަމިއްލަ ނަފުސުގެ އަބުރު ވެސް ރައްކާތެރިކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު