ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސިހުރުހާހޫރައަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއްކަމާއި، އެއީ އިންސާނާގެ އީމާންކަން ފުނޑުފުނޑުކޮށްލާ ފަސާދައެއްކަން ހަނދާންކޮށްދީ، މިއަދުގެ ހުކުރު ޚުތުބާގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ބިނާކޮށްފައިވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށެވެ. އެގޮތުން ޚުތުބާގައި ބުނީ، ސިހުރަކީ ސިހުރުވެރިޔާ ފުމޭ ފުމުންތަކާއި، ހަދާ މަންތަރުތަކާއި، ޖަހާ އަކަތަކާއި ގޮށްތަކެއްގެ ސަބަބުން، މީހެއްގެ ގައިގައި ބީހުމަކާ ނުލައި އޭނާގެ ހަށިގަނޑަށާއި ވިސްނުމަށް ނުވަތަ ހިތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ. މިއީ ކީރިތި ޤުރްއާނާއި ސުންނަތުން އެކަމުގެ ޙަޤީޤަތް ސާބިތުވާ ކަމެއްކަން ފާހަގަކޮށް، "ގޮށްތަކަށް ފުމޭ މީހުންގެ ނުބައިކަމުން" ރައްކާތެރިކަމަށް އެދުމަށް މާތް ﷲ ވަޙީކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ސިހުރުވެރިއެއްގެ ނުބައިކަން ބަޔާން ކުރަމުން ޚުތުބާގައި ބުނީ، ސިހުރުވެރިޔާ ޝައިޠާނާއަށް ކިޔަމަންވުމަށް ޢަހުދުކަށަވަރު ހިފައި، ނަޖިސް ތަންތަނުގައި އުޅުމާއި، ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމާއި، ޖިންނިޝައިޠާނުންގެ ނަމުގައި ކަތިލުން ފަދަ ބޮޑެތި ފާފަތަކަށް އަރައިގަނެގެން މެނުވީ އޭނާގެ ސިހުރު ފުރިހަމަނުވާނޭ ކަމަށެވެ. މީގެ އިތުރުން، ސިހުރު ހެދުމުގެ އިތުރުން އެކަން އުނގެނުމާއި އުނގަންނައިދިނުމަކީވެސް މީހާ ކުފުރުވާ ފަދަ ބޮޑު ފާފައެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުން ޚުތުބާގައި ސާބިތުކޮށްދިނެވެ.

ސިހުރުވެރިންނަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބެއް ނެތްކަން ބަޔާންކޮށް، ސިހުރުވެރިޔަކީ ބިން ފަސާދަކުރާ މީހެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރިއެވެ. އަދި ސިހުރުވެރިޔާގެ ފާފައިގެ ބޮޑުކަމުން، އޭނާ ޤަތުލުކުރުމަށް ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން ދެކެވަޑައިގަންނަވާކަން އިމާމް އިބުނު ޤުދާމާގެ "އަލްމުޣްނީ" ފޮތާ ޙަވާލާދީ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މުޖުތަމަޢުގައި ފެތުރެމުންދާ ނުބައި އާދައަކަށް އިޝާރާތްކުރަށްވައި ޚުތުބާގައި ބުނީ، ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ސުވާލުކުރުމަކީ ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. އެފަދަ މީހެއްގެ ގާތަށް ގޮސްފި މީހާގެ ނަމާދު 40 ދުވަސް ވަންދެން ޤަބޫލުނުކުރާނެ ކަމަށާއި، އޭނާ ބުނާ ބަސް ޤަބޫލުކޮށްފި މީހާ ރަސޫލާގެ މައްޗަށް ބާވައިލެއްވުނު ދީނަށް ކާފަރުވެއްޖެ ކަމުގެ އިންޒާރު މިއަދުގެ ޚުތުބާގައި ދީފައިވެއެވެ.

ފަރުވާގެ ނަމުގައި ސިހުރުވެރިން ގެންގުޅުމަކީ ޢާއިލާތަކާއި މުޖުތަމަޢުގައި ބޮޑެތި ފިތުނަ އުފެދޭ ކަމެއް ކަމަށާއި، ހިތުގައި އުފެދޭ ވަހުމްތަކާއި ޝައްކުތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲ އަށް ވަކީލުކުރުން ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. އަދި ކޮންމެ ނިޢުމަތަކާއި މުޞީބާތެއް މެދުވެރިވަނީ މާތް ﷲގެ މިންވަރުފުޅުންކަން ޤަބޫލުކޮށް، ފަރުޟު ފަސް ނަމާދާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމަށް އިލްތިމާސްކުރިއެވެ.

ޚުތުބާ ނިންމާލަމުން، ފަރުވާ ހޯދުމުގައި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް ގޮވާލިއެވެ. ޝަރުޢީ ރުޤުޔާ ކުރާ މީހުން މައިންބަފައިންގެ ނަމެއް ނާހާނެ ކަމަށާއި، ތަވީދާއި ގޮތްނޭނގޭ ފޮތިގަނޑުތައް ބޭނުންނުކުރާނެ ކަމަށާއި، އަދި އިސްލާމްދީނުގެ އަދަބާ ޚިލާފު ކަމަކަށް ނޭދޭނެކަން ފާހަގަކޮށް، ސިހުރުވެރިންގެ ކިބައިން ރައްކާތެރިވުމަށް މުޅި މުޖުތަމަޢަށް ނަސޭހަތްތެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު