ހުޅުމާލޭ-
ހުޅުމާލޭ-
ހުޅުމާލޭގެ މަގުތަކުގައި ގިނައިން އެކްސިޑެންޓުތައް ހިނގާ ކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި، ތާރު (އަސްފޯލްޓް) ބޭނުންކޮށްގެން ސްޕީޑްބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ބަންޕަރު ހަރުކުރަން ފަށާފައިވަނީ ނިރޮޅުމަގުން ހައިވޭއަށް އަރަންދާ ފަޅީގައެވެ.

އެޗްޑީސީން މި މަސައްކަތް އަލުން މި ފެށީ، ފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި، އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ.

މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މަގުސަދުގައި އެ ކޯޕަރޭޝަނުން މި ފިޔަވަޅު އަޅާފައިވާއިރު، މީގެ ކުރިން މަގުތަކުގައި ހަރުކުރި ބަންޕަރުތަކާ ގުޅިގެން އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ ކުރިމަތިވެފައެވެ.

އެގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭގެ ކާރޫބާރު ބޮޑު މަގުތަކުގައި ހަރުކުރި ރަބަރު ސްޕީޑްބްރޭކަރުތަކުގެ ސަބަބުން، ދުއްވާ އެއްޗެއްސަށާއި ދަތުރުވެރިންނަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ.

ކިތަންމެ މަޑުން ވެހިކަލް ދުއްވާފައި ފޭބި ނަމަވެސް، އުނަގަނޑުގައި ރިއްސުން ފަދަ ޖިސްމާނީ ތަކުލީފުތައް ލިބޭތީ އާންމުން ވަނީ އެ ރަބަރު ބަންޕަރުތައް ނަގައިދިނުމަށް އެދިފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައިވެސް އާންމުން ވަނީ މި ކަންބޮޑުވުންތައް އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްފައެވެ.

އެޗްޑީސީން ބުނެފައިވަނީ، ކުރިން އެޅި ބަންޕަރުތަކުގެ މަގުސަދަކީވެސް މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިފަހަރު ތާރު ބޭނުންކޮށްގެން ފެންވަރު ރަނގަޅު ސްޕީޑްބްރޭކަރުތަކެއް އަޅަން ފެށުމުން، ކުރިން އާންމުންނަށް ދިމާވި ދަތިތަކާއި އުނދަގޫތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް