ފޮޓޯ: ހައްޖު ކޯޕަރޭޝަން
ފޮޓޯ: ހައްޖު ކޯޕަރޭޝަން
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 15 ގެ އަޅުކަމަށް ޚާއްޞަކޮށްގެން، އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

މިއީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން، މާލެ ނައިސް ސީދާ އެ ސަރަޙައްދުން ފުރައިގެން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ފަށާ ޚާއްޞަ އިންތިޒާމެކެވެ. މި ދަތުރުތައް މިގޮތަށް ބޭއްވުމުގެ މަގު ފަހިވެގެންދިޔައީ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ވައިޑް-ބޮޑީ އެއަރކްރާފްޓްގެ އޮޕަރޭޝަންތައް ފެށުމާ ގުޅިގެންނެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، ގަމުން ޖިއްދާއަށް ސީދާ ދަތުރުކުރާ މި ޚާއްޞަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި ދަތުރަށް ކަނޑައަޅާފައިވާ ރަމަޟާން މަހުގެ ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. މީގެ އިތުރުން، މުޅި ރަމަޟާން މަހު ޢުމްރާގެ އަޅުކަމުގައި ހޭދަކުރަން ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.

މި ޢުމްރާ ދަތުރުތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިހާރު ވަނީ ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" އަދި ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު ނަންނޯޓު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

ޢުމްރާވެރިންނަށް ވީހާވެސް ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، މި ޕެކޭޖުގެ ދަށުން ގިނަ ޚިދުމަތްތަކެއް ދިނުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި ފާމަސީގެ ޚިދުމަތް، ހިލޭ ވެކްސިން ޖަހައިދިނުން، މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ޚިދުމަތް، މަދީނާގައި 3 ރޭ ހޭދަކުރުން، އަދި ރަހަމީރު ދިވެހި ކެއުން ހިމެނެއެވެ. މީގެއިތުރުން ލޯންޑްރީގެ ޚިދުމަތާއި، ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދު، ޢުމްރާ ކިޓް، ބަގީގެ ޚިދުމަތް އަދި ޢުމްރާވެރިންގެ ރައްކާތެރިކަމަށްޓަކައި ލޮކޭޝަން ޓްރެކިންގ ޑިވައިސް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޙައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، އެ ކޯޕަރޭޝަންގެ އަމާޒަކީ މި ދަތުރުތައް ހަމައެކަނި މި ރަމަޟާން މަހަށް ހަނިނުކޮށް، ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ އިތުރުން ޖުލައި އަދި ޑިސެމްބަރު މަހުވެސް އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ދެމެހެއްޓެނިވި އުޞޫލަކުން ކުރިއަށް ގެންދިއުމެވެ. މިއީ ދެކުނުގެ ރައްޔިތުން މާލެއަށް ދަތުރުކޮށް ކުރަންޖެހޭ ޚަރަދުތަކާއި އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ލުޔެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު