މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު-
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު-
މާލެ އަދި ގދ. ތިނަދޫ ސިޓީގެ ތަރައްޤީއަށްޓަކައި، ދެ ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށް މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ދެ ސިޓީ ކައުންސިލް ދެމެދު ވެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ސިޓީ ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ދިރާސާކޮށް ބަލައި، ދެ ސިޓީ ޕްރޮމޯޓުކުރުމާއި، ދެ ރަށުގެ ރައްޔިތުން ގުޅިގެން ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަންކަން ތަންފީޛު ކުރުން ކަމަށެވެ.

މީގެއިތުރުން، މާލެ އާއި ތިނަދޫ ސިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ދެ ކައުންސިލްގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް ކުރިއެރުންތައް ހޯދައިދިނުމުގެ އިތުރުން، ދެ ސިޓީގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް ކުރިއެރުވުމަށް މި އެއްބަސްވުމުގެ ދަށުން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ޢާޒިމް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ސިޓީ ކައުންސިލްތަކާ އެކު ވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ ވިދާޅުވީ، މީގެ ކުރިން ވެސް ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު ވިޔަފާރި މަރުކަޒު ކަމުގައިވާ ހަވަރު ތިނަދު އާއި ވެރިރަށް މާލޭގެ ސިޓީ ކައުންސިލާ ދެމެދު ވެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ވަރަށް ވެސް ތާރީޚީ އެއްބަސްވުމެއް ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން ދެ ސިޓީގެ ރައްޔިތުންނަށާއި، ދެ ކައުންސިލަށް ވެސް ތަރައްޤީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވަރަށް ބޮޑެތި ފައިދާތަކެއް ޙާޞިލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގެ އިދާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އާދަމް ޢާޒިމެވެ. އަދި ތިނަދޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރު ސަޢުދު ޢަލީއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް