މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވިކަން ސާބިތުވެ އުމުރަށް ޖަލަށްލި އަބްދުﷲ އިބްރާހީމް (އަބުޗާ) އަލުން ހައްޔަރުކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޢަބުޗާއަށް ދީފައިވާ ޕެރޯލްގެ ފުރުސަތު ބާތިލްކުރަން ނިންމީ ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ. އެގޮތުން އޭނާ ޖަލުގައި ހޭދަކުރި މުއްދަތު ގުނާފައިވަނީ ރަނގަޅަށް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ނިންމުމާ ގުޅިގެން، ފުލުހުން މެދުވެރިކޮށް އަބުޗާ ހައްޔަރުކޮށް، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.

އައްޑޫ ކަނޑުމަތިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، 61 ކިލޯގެ ޑައިމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިންއާއެކު އަބުޗާ ހައްޔަރުކުރީ 2020 އޮކްޓޯބަރު މަހު އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާގެ މައްޗަށް 12 އަހަރާއި 6 މަހުގެ ތިން ހުކުމެއް އައިސްފައިވެއެވެ. ބަންދުގައި ހޭދަކުރި މުއްދަތާ އެކު އޭނާ މިހާރު ޖަލުގައި 6 އަހަރު ހޭދަކޮށްފައިވެއެވެ. ޤާނޫނު ބުނާގޮތުން ޑްރަގްގެ ބައެއް މައްސަލަތަކުގައި ހުކުމުގެ ވަކި މުއްދަތެއް (އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައި) ތަންފީޒުކުރުމުން ޕެރޯލްގެ ފުރުސަތު ލިބެއެވެ. ނަމަވެސް، މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ޕެރޯލް ނުލިބޭގޮތަށް ޤާނޫނަށް ވަނީ ބަދަލުގެނެސްފައެވެ.

އަބުޗާއަށް ކުރިން ޕެރޯލް ދިނުމުގައި ޝަރުތުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، އެ މުއްދަތުގައި ކަރެކްޝަނުން އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު