ދަނގެތީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢަށް ގެންދިޔަ އެއްގަމު ތޮށީ ބްލޮކްތައް، ފޮޓޯ: އެމްޓީސީސީ
ދަނގެތީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢަށް ގެންދިޔަ އެއްގަމު ތޮށީ ބްލޮކްތައް، ފޮޓޯ: އެމްޓީސީސީ
އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ހަވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސް، ތޮށި އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ފުންކުރުމުގެ މަސައްކަތާއި، ޕްރީކާސްޓް އެލް ބްލޮކްތައް އަތުރައިގެން އެއްގަމު ތޮށި އެޅުމުގެ މުހިންމު މަސައްކަތްތަކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން މިނިޒްޓްރީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 76.8 މިލިއަން (76,856,907.24) ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަނގެތީގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދީ، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑު ޖާގައެއް ފަހިކޮށްދިނުމެވެ. އެގޮތުން ބަނދަރުގެ ޖާގަ ތަނަވަސްކޮށް، ދަތުރުވެރިންނަށާއި އޮޑިވެރިންނަށް ރައްކާތެރި އަދި ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.

މި މަޝްރޫޢުގެ ތެރޭގައި 110,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރާއި ނެރު ފުންކުރުމާއި، 30,643.53 އަކަމީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 389 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 675 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 3,052 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ޑްރެއިނޭޖް ނިޒާމާއި، މަގުބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢަކީ ތިމާވެށީގެ އެސެސްމަންޓްތަކާއި ދިރާސާތަކަށް ބިނާކޮށް، ދަނގެތީގެ ޤުދުރަތީ ވެއްޓަށް ގެއްލުން ކުޑަވާނޭހެން ޒަމާނީ ފެންވަރަށް ފަރުމާކޮށްގެން ކުރިއަށްގެންދާ ފުރިހަމަ އިންފްރާސްޓްރަކްޗަރ މަޝްރޫޢެކެވެ. މަޝްރޫޢު އެއްކޮށް ނިމުމުން އެރަށުގެ ބަނދަރުގެ ޖާގަ ބޮޑުވެ، ބޮޑެތި އުޅަނދުފަހަރަށް ފަސޭހަކަމާއެކު ކައިރިކުރެވި، ލަފާފުރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް