މަރާލި ދަރިވަރު
މަރާލި ދަރިވަރު
މެލޭޝިޔާގެ ޖޯހޯރުގައި ހުންނަ ޔޯންގް ޕެންގް ސެކަންޑަރީ ސްކޫލުގައި ތަޢުލީމު ޙާޞިލުކުރަމުންދިޔަ 16 އަހަރުގެ އަންހެން ދަރިވަރަކު މަރައިލި ކަމުގެ ތުހުމަތުގައި، އޭނާއާ އެއް ކްލާހެއްގައި ކިޔަވާ 16 އަހަރުގެ ތިން ފިރިހެން ކުދިން އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އުމުރުން 16 އަހަރުގެ އައިރީން ސޯފިޔާ މުހައްމަދު ޚައިރޫލް ފައިސަލްއެވެ. އައިރީން ހޭނެތިފައި އޮއްވާ ފެނިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު، އެ ސްކޫލުގެ ހޯލު ތެރޭގައި ހުރި ގާތަކެއްގެ މަތީންނެވެ.

އެ ސަރަޙައްދުގެ ފުލުހުން ހާމަކުރި ގޮތުގައި، އައިރީންގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ. އަދި އޭނާ ފެނުނުއިރު ވެސް ފުރާނަ ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އައިރީން ހޯދުމުގެ މަސައްކަތް އޭނާގެ މާމަ ފެށީ، އާންމުކޮށް ގެއަށް އަންނަ ވަގުތު ފަހަނައަޅައި، ހަވީރު 5:30 ވީއިރު ވެސް ގެއަށް ނައުމުންނެވެ. އަދި އައިރީން ހޯދަން ސްކޫލަށް ދިޔަ މަގުމަތީގައި، ބޮޑެތި އަނިޔާތަކަކާއެކު ވެއްޓިފައި އޮއްވާ ފެނުނީ ވެސް އޭނާގެ މާމައަށެވެ.

މި ހާދިސާއާ ގުޅިގެން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު، އެއްވެސް ފަސްޖެހުމެއްނެތި، އަވަސް އަދި ފުރިހަމަ ދެފުށްފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމާބެހޭ އެންމެހައި އިދާރާތަކަށް އެމަނިކުފާނު ވަނީ އަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް