ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް
މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިސްނަގައިގެން ހއ. ދިއްދޫ އަދި ހއ. ބާރަށުގައި ގިނަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މި ހަރަކާތްތައް ދިއްދޫ އަދި ބާރަށުގައި ޚާއްޞަ ގޮތެއްގައި ކުރިއަށްގެންގޮސްފައިވަނީ، 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި ޝަހީދުންގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު އާއި، ހއ. ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވަނީ މި ދެ ރަށަށް ކަމަށްވާތީ ކަމަށެވެ.

ދިއްދޫގައި މި ހަރަކާތްތައް ކުރިއަށްދިޔައީ ނޮވެންބަރު މަހުގެ 13 އިން 14 އަށެވެ. އެގޮތުން ނޮވެންބަރު 13 އަދި 14 ވަނަ ދުވަހު ސިފައިންގެ ފޮޓޯ މައުރަޒު ބޭއްވިއިރު، 14 ވަނަ ދުވަހު ވަނީ ޝިޕް ވިޒިޓާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. އަދި ހއ. ބާރަށުގައި ސިފައިންގެ ފޮޓޯ މައުރަޒު ބާއްވާފައިވަނީ ނޮވެންބަރު 20 އިން 21 އަށެވެ. އޭގެ އިތުރުން ނޮވެންބަރު 21 ވަނަ ދުވަހު ޝިޕް ވިޒިޓާއި، އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު އެ ރަށުގައި ވެސް ވަނީ ބާއްވާފައެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ފޮޓޯ މައުރަޒު ޚާއްޞަކޮށްފައިވަނީ ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާއަށާއި، ދިވެހިންނަށް ލިބުނު މަތިވެރި ނަޞްރާއި ކާމިޔާބީއަށެވެ. އެ ދުވަހުގެ ހަމަލާތައް ފެށުނީއްސުރެ ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންކަން ވަގުތު ފީތާއެއްގެ ގޮތުގައި ދައްކުވައިދޭ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރުގެ އިތުރުން ތާރީޚީ ލިޔުންތައް މި މައުރަޒުގައި ހިމަނާފައިވެއެވެ.

މި ހަރަކާތްތަކުގެ ތެރެއިން ކުރިއަށްދިޔަ "ޝިޕް ވިޒިޓް" ގައި އެމްއެންޑީއެފް ކޯސްޓްގާޑު 'ނޫރައްދީން' އުޅަނދަށް ޒިޔާރަތްކުރި ފަރާތްތަކަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ދީ، ކޯސްޓްގާޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ދައްކާލާފައެވެ. އަދި އުޅަނދުގައި ބޭނުންކުރާ ބައެއް އާލާތްތައް ބަލައިލުމާއި ފޮޓޯ ނެގުމުގެ ފުރުޞަތު ދިން މި ޒިޔާރަތުގައި، މަޢުލޫމާތު ދިނުމުގައި ހަރަކާތްތެރިވީ އެ އުޅަނދުގައި މަސައްކަތްކުރާ ކޯސްޓްގާޑުގެ ސިފައިންނެވެ.

މީގެއިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 (އެމްޑީޔޫ 6) ގެ މެރީންސުން ވަނީ ފުރިހަމަ މިލިޓަރީ ޑިސްޕްލޭއެއް ހުށަހަޅައިދީފައެވެ. މި ހުށަހެޅުމުގައި ދައްކައިދިނީ ސަރަހައްދެއް ޕެޓްރޯލް ކުރަމުން ދަނިކޮށް ދުޝްމަނުން އިސްވެ ހަމަލާދިނުމުން، އެކަމަށް ރައްދުދީ ހޭސްޓީ އެޓޭކެއް މެދުވެރިކޮށް ދުޝްމަނުންގެ ބަންކަރު ނައްތާލައި، ދުޝްމަނުން ތިބި ގެއާއި ހަތިޔާރު ރައްކާކޮށްފައި ހުރި ގުދަން ގޮއްވާލައި ކާމިޔާބީ ހޯދާ މަންޒަރެވެ.

މިލިޓަރީ ޑިސްޕްލޭއަށްފަހު ދެ ރަށުގައިވެސް ބޭއްވި ޢާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން އޮބްސްޓެކަލް ކޯސް، ޓަނަލް ކްރޮސިންގ، ރިވަރ ކްރޮސިންގ، މަންކީ ބަރ، ޒިގްޒެގް އަދި މައުންޓަން ކްލައިމްބް ފަދަ ޝައުޤުވެރި ކުޅިވަރުތަކާއި ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

އެމްއެންޑީއެފުން ބުނީ، މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ސިފައިންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޤައުމީ ފަޚުރާއި އެއްބައިވަންތަކަން އާލާކުރުން ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާން އާކުރުންވެސް މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، ދިއްދޫ އަދި ބާރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކަށް އެ ދެ ރަށުގެ އާންމު ރައްޔިތުންނާއި ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު