މާލޭގައި ޓެކްސީ ޚިދުމަތް ދެމުން އަންނަ އަންހެން ޑްރައިވަރެއްކަމަށްވާ، އައިމިނަތު ވަހީދާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުންދީފައިވާ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އައިމިނަތު ވަހީދާއަށާއި އޭނާގެ ޓެކްސީއަށް އެކި ފަހަރުމަތިން ގޯނާކުރާ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި މިވަނީ، ވަރަށްފަހުންވެސް އައިމިނަތު ވަހީދާގެ ޓެކްސީއަށް ބަޔަކު ގެއްލުންދީފައިވަނިކޮށެވެ. އަދި އެމައްސަލައިގައި އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، އައިމިނަތު ވަހީދާގެ ޓެކްސީއަށް އެކި ފަހަރުމަތިން ގެއްލުންދީފައިވާ މައްސަލަ ބަލައި، އެކަން ކުރި ބަޔަކަށް ހައްޤު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. އަދި މުސްތަޤްބަލުގައިވެސް އަންހެނުން އާމްދަނީ ހޯދުމަށް ކުރާ މިފަދަ މަސައްކަތްތަކަށް ހިތްވަރު ދިނުމަށްވެސް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.

މިމައްސަލައަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް ވަނީ މިއީ ސީރިއަސް މައްސަލައެއްކަމަށް ވިދާޅުވެ، މިމައްސަލަ ތަހުޤީޤްކުރުމަށް މެންބަރުން ވަނީ ގޮވާލާފައެވެ.

"އައިމިނަތު ވަހީދާއަށް މިދިން ހަމަލާގެ ކަންތައްތައް މިހާ ހިސާބަށް ދިޔައީމާ ޚާއްސަ ނަޒަރަކުން އެބަ ބަލަންޖެހޭ. މާލޭގައި ހަމައެކަނި ޓެކްސީ ކުރަން އުޅޭ އަންހެން މީހާއަށް، 5 ފަހަރަށް ހަމަލާ ދިިނީމާ ޚާއްސަ ނަޒަރަކުން އެބަ ބަލަންޖެހޭ. މިއީ ޒާތީވުމެއް ނޫން. މިއީ ހޭޓް ކްރައިމެއްތޯ މިހާރު ބަލަންޖެހޭ. ވަކި ނަސްލަކަށް، ވަކި ޖިންސަކަށް، ވަކި ސޯޝަލް ގްރޫޕެއްގެ، ވަކި ކަހަލަ މީހަކަށް ވީތީ އަންނަ ހަމަލާތަކަށް ހޭޓް ކްރައިމް މިކިޔަނީ. އެހެންވީމަ އެބަ ބަލަންޖެހޭ މިއީ އޭނާއަކީ އަންހެނަކަށް ވީތީ، ޓެކްސީ ދުއްވަން އެހާ ފާޅުގައި އުޅޭތީ އަންނަ ހަމަލާތަކެއްތޯ އެބަ ބަލަންޖެހޭ." އަންހެނުންގެ ހައްޤުތަކުގައި އާންމުކޮށް މަޖިލީހުގައި ވަކާލާތު ކުރައްވާ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

މިމައްސަލައިގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރަށްވައި، މިމައްސަލައިގައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައިދިނުމަށް ގޮވާލައްވާފައެވެ.

އައިމިނަތު ވަހީދާއަށާއި އޭނާގެ ޓެކްސީއަށް އެކި ފަހަރުމަތިން ގޯނާކުރާ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، ފުލުހުންވެސް ދަނީ އެމައްސަލަ މިހާރު ތަހުޤީޤްކުރަމުންނެވެ.

އައިންތުގެ ކާރު ހަދައިދިނީ ޔޫތު މިނިސްޓަރ މަހްލޫފުގެ ދީލަތިއެހީގައެވެ. މިކަމަށްޓަކައި އައިންތު ވަނީ މިނިސްޓަރ މަހްލޫފަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން