އޯޝަނިކް ސްޓިންގްރޭ
އޯޝަނިކް ސްޓިންގްރޭ
ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ކަމަށް ބެލެވޭ "އޯޝަނިކް ސްޓިންގްރޭ" ބާވަތުގެ މަޑިއެއް، ތާރީޚުގައި ފުރަތަމަ ފަހަރަށް ރެޑް ސީ (ރަތް ކަނޑު) ސަރަހައްދުން ފެނިއްޖެއެވެ.

ކަނޑުގެ ދިރުންތަކާ ބެހޭ ސައިންސްވެރިން މިހާރު ވަނީ މިއީ އެ ސަރަހައްދުން މިފަދަ މަޑިއެއް ފެނުނު ފުރަތަމަ ފަހަރުކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

މި މަޑި ފެނިފައިވަނީ ޖޯޑަންގެ އަގަބާ ކަނޑުއޮޅީގައި މަސްވެރިކަން ކުރަނިކޮށް، އެ ގައުމުގެ ކުރީގެ ދަތުގެ ޑޮކްޓަރެއް ކަމަށްވާ މަރުވާން ޝްރޭމް އަށެވެ.

ޖޯޑަންގެ ކަނޑުގެ ކުޅިވަރުތަކާ ބެހޭ އިއްތިހާދުގައިވެސް އިސްކޮށް ހަރަކާތްތެރިވާ މަރުވާންއަކީ، މީގެ ކުރިންވެސް ރެޑް ސީގެ ސަރަހައްދުން ފަންހާމަސް ފަދަ ނާދިރު ކަނޑުގެ ދިރުންތައް ފުރަތަމަ ފަހަރަށް ފެނުނުކަން ރެކޯޑުކޮށްފައިވާ ފަރާތެކެވެ.

މި އާ ހޯދުމާ ގުޅިގެން ސައުދީ އަރަބިއްޔާގެ "ރެޑް ސީ ގްލޯބަލް" ގެ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ މާހިރު ޑރ. އެޝްލީ މެކްއައިވާ އާއި މަރުވާން ގުޅިގެން ވަނީ ޚާއްސަ ސައިންޓިފިކް ދިރާސާއެއް ކުރިއަށް މާގޮސްފައެވެ. މި ދިރާސާގެ ނަތީޖާ މިހާރު ވަނީ "ފްރަންޓިއާސް އިން ފިޝް ސައިންސް" ޖާނަލްގައި ޝާއިއުކޮށްފައެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، މި ބާވަތުގެ މަޑިއަކީ އާންމުކޮށް އެޓްލާންޓިކް، އިންޑިއާ ކަނޑު، ޕެސިފިކް އަދި މެޑިޓަރޭނިއަން ކަނޑުގެ ފުން ހިސާބުތަކުގައި އުޅޭ މަހެކެވެ.

ދިރާސާއިން ބޮޑަށް ބުރަވެވެނީ، މި މަޑި ރާއްޖެ ހިމެނޭ ސަރަހައްދުން ދަތުރުކޮށް، ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކޮށް ރެޑް ސީއަށް ވަދެފައިވާ ކަމަށެވެ.

އަގަބާ ކަނޑުއޮޅީގެ ފިނިހޫނުމިން 21 އާއި 27 ޑިގްރީ ސެލްސިއަސްއާ ދެމެދު ހުރުމަކީ މިފަދަ މަޑިއަކަށް ދިރިއުޅެވޭނެ މާހައުލެއް ކަމަށްވީ ނަމަވެސް، އެ ސަރަހައްދުގެ ލޮނުގަނޑުގެ ގަދަކަމާ މެދު އިތުރަށް ދިރާސާކުރަންޖެހޭ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

އަދި އެ ސަރަހައްދުގައި މިފަދަ އިތުރު މަޑިތައް އުޅުންވެސް އެކަށީގެންވާ ކަމަށް މާހިރުން ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު