ބަންގާޅު ކަނޑުގައި އުފެދޭ ތޫފާނަށް ދޭ ނަމަކީ އަރުނަބް
ބަންގާޅު ކަނޑުގައި އުފެދޭ ތޫފާނަށް ދޭ ނަމަކީ އަރުނަބް
ބަންގާޅު ކަނޑުގެ އިރުމައްޗާއި އަންޑަމަން ކަނޑުގެ އުތުރު ސަރަޙައްދުގައި އުފެދިފައިވާ ކާރިސީ ކޮޅިގަނޑު (ލޯ-ޕްރެޝަރ އޭރިއާ) ހުޅަނގު-އުތުރުހުޅަނގަށް ދަތުރުކުރަމުންދާއިރު، އެ ނިޒާމު އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ހާމަކޮށްފިއެވެ.

އައިއެމްޑީން ލަފާކުރާ ގޮތުގައި، މި ކޮޅިގަނޑު ސެޕްޓެމްބަރު 21 ވަނަ ދުވަހު "ޑިޕްރެޝަން" އަކަށް ބަދަލުވެ، ސެޕްޓެމްބަރު 22 ގައި "ޑީޕް ޑިޕްރެޝަން" އަކަށް ވަރުގަދަވާނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު-އުތުރުހުޅަނގަށް މިސްރާބު ޖަހައި، ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ އުތުރު އާންދުރާ ޕްރަދޭޝް އަދި ދެކުނު އޮޑީޝާގެ އައްސޭރިފަށާ ގާތަށް ފޯރާނެ ކަމަށް ބެލެވެއެވެ.

މި ކޮޅިގަނޑު އުފެދިފައިވަނީ ތައިލެންޑުގެ އުތުރާއި މިޔަންމާ ގުޅޭ ސަރަޙައްދުގައި އުފެދުނު ވައިގެ އެނބުރުމެއްގެ (ސައިކްލޯނިކް ސާކިއުލޭޝަން) ސަބަބުންނެވެ.

ކުރީގެ ރިޕޯޓްތަކުގައި މި ނިޒާމު ތޫފާނަކަށް (ޓްރޮޕިކަލް ސައިކްލޯން) ބަދަލުވެދާނެ ކަމަށް ލަފާކުރި ނަމަވެސް، އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ސީދާ ތޫފާނަކަށް ބަދަލުވާނެ ކަމުގެ ޔަޤީންކަން އަދި ކަށަވަރެއް ނޫނެވެ. އެހެންނަމަވެސް، ކަނޑާއި ވައިގެ ޙާލަތަށް އަންނަ ބަދަލުތަކާއެކު އިތުރަށް ބާރުގަދަވުމުގެ ފުރުޞަތު އެބައޮތެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ، ވެގެންދާނީ މި އަހަރުގެ ފުރަތަމަ ތޫފާނަށެވެ. އަދި އެ ޙާލަތުގައި މި ތޫފާނަށް ދެވޭނީ ބަންގްލަދޭޝްއިން ހުށަހަޅާފައިވާ ނަން ކަމަށްވާ "އަރްނަބް" އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް