އެމްޑީީޕިގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
އެމްޑީީޕިގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ތުހުމަތުކުރައްވައިފިއެވެ.

އެމްޑީޕީން ފެށި އިސްލާހީ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވި ޝުއައިބު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެމްޑީޕީގެ ލީޑަރުންނަށް "ޞަދަގާތްކޮށްފައިވާ" ކަމަށެވެ. އޭރުގައި ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުތަކުގައި ސަރުކާރާ އެއްކޮޅަށް އެމްޑީޕީ މެމްބަރުން ވޯޓު ދެއްވީ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގަތުމުން ކަމަށް ޝުޢައިބު ވަނީ ތުހުމަތުކުރައްވާފައެވެ.

އެގޮތުން ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އުމުރު ބަދަލުކޮށް، ދިވެހިރާއްޖޭގެ ބިން ބޭރު ފަރާތްތަކަށް ވިއްކައިލެވޭ ގޮތް ހެދުމުގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވީ ރައީސް ނަޝީދުގެ އެންގެވުމަށް އެމަނިކުފާނަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވޭ ގޮތް ހެދުމަށް ކަމަށް ވެސް ޝުޢައިބު ވިދާޅުވިއެވެ. ޝުޢައިބު އިތުރަށް ވިދާޅުވީ ހަގީގަތުގެ މައްޗަށް ފަސް އަޅައި ނުފޮރުވޭނެ ކަމަށެވެ.



ޝުޢައިބު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މީގެ ކުރިން އެފަދަ ވާހަކަ އެއް ދައްކަވާފައިނުވާތީ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. މިއީ ފުރަހަނި ޝުއައިބު މަގާމުން ވަކިކުރުމުން ޖަޒުބާތުގައި ޖެހިގެން ދައްކާ ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ޕާޓީގެ އެތެރޭގެ ބައެއް ކަންކަމުގައި ރައީސް ނަޝީދާއިމެދު ހިތްހަމަ ނުޖެހިގެން ޝުޢައިބު ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެންނަން އުޅޭ ކަމަށް ޝުއައިބު މީގެކުރިން ވަނީ ތުހުމަތު ކުރަށްވާފައެވެ. އަދި ރައީސް ނަޝީދާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޝުޢައިބު މީގެކުރިންވަނީ އެމްޑީޕީގެ ޗެއާޕާސަނަށް ސިޓީއެއް ވެސް ފޮނުވާފައެވެ. މީގެއިތުރުން އެމްޑީޕީގެ އެކި ސޯޝަލް މީޑިއާ ގްރޫޕް ތަކުގެ ތެރޭގައިވެސް ޝުޢައިބާ ނަޝީދުގެ ދެބަސްވުންތައް ހިނގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު