ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އެތެރޭގެ އިންތިޚާބު ކަމަށް ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން މީޑިއާއާ ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އަދި ޕާޓީގައި އޮތް ދެފުށް ފެންނަ މިންވަރު މީޑިއާތަކަށްވެސް ފެންނާނެ ކަމަށާއި، ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިންތިޚާބާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ޒިންމާދާރު ނިޒާމެއް ގާއިމުކުރެވިފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ކޮންގްރެސްގެ މަސައްކަތްތަކާއި އެތެރޭގެ އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އަމަންއަމާން، އެކުވެރި އަދި އެއްބައިވަންތަ މާހައުލެއްގައި ކަމަށެވެ.

ވާދަވެރި އެހެން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ތަޅާފޮޅުމާއި ގޮންޖެހުންތައް ފެނިގެންދިޔަ ނަމަވެސް، ޕީއެންސީގެ އިންތިޚާބު ނިމިގެންދިޔައީ ސުލްހަވެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ނާކާމިޔާބުވި ފަރާތްތަކުގެ ހިތްނުތަނަވަސްކަމެއް އުޅުނު ނަމަވެސް، އެ ފަރާތްތަކަށް ހިތްވަރުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތިޚާބަށްފަހު ޕާޓީގެ ނިޒާމުގެ ތެރެއިން އެއްވެސް ފަރާތެއް ބާކީނުވާނެ ގޮތަށް ޕާޓީގެ ރައީސް ކަންކަން އިންތިޒާމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޝުޖާއު ދެއްވިއެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަކީ އެކަނި އިންތިޚާބުވި ލީޑަރުންނަށް ނުވަތަ މަޖިލިސް މެންބަރުންނަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެއީ މުޅި ޓީމާއި ލަޝްކަރު އެކުގައި ކުރާ މަސައްކަތުން ހޯދޭނެ ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ހުރިހާ ސަފުތަކެއް ގަދައަށް އަތްކުރުވާލައިގެން ޕާޓީގެ ސިޔާސަތުތަކާއެކު ސާބިތުވެ ތިއްބެވުމަށް އެދިވަޑައިގަންނަވަމުން، އިބްރާހީމް ޝުޖާއު ވިދާޅުވީ މިއީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް ދެއްކުނު ނަމޫނާއެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު