ސައުދީ އަރަބިއްޔާގެ އަލް-ބާހާ ސަރަހައްދު
ސައުދީ އަރަބިއްޔާގެ އަލް-ބާހާ ސަރަހައްދު
ސައުދީ އަރަބިއްޔާގެ އަލް-ބާހާ ސަރަޙައްދުން، އިސްލާމީ ތާރީޚުގެ ކުރީކޮޅަށް ނިސްބަތްވާ އަދި 1،300 އަހަރަށްވުރެ ގިނަ ދުވަސްވީ އާސާރީ މުހިންމު މިސްކިތެއް ފެނިއްޖެއެވެ.

ސައުދީ ހެރިޓޭޖް ކޮމިޝަނުން ކުރިއަށްގެންދިޔަ ދިރާސާތަކުން ފެނުނު މި މިސްކިތް އެންމެ ޚާއްޞަވާ މައިގަނޑު ސަބަބަކީ، އެތަނުގެ ޤިބްލަ ފާރުގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް ނަންފުޅު ކަނޑައިނަގައި ލިޔެވިފައި ވުމެވެ. މި މުހިންމު އާސާރު ފެނިފައިވަނީ އަލް-ބާހާގެ "އަލް-މާލައްމާ" ސައިޓުގައި ކުރިއަށްގެންދިޔަ ބިންކޮނުމުގެ ހަތަރުވަނަ މަރުޙަލާގެ ތެރޭގައެވެ.

ގްރެނައިޓް ހިލައިން ބިނާކޮށްފައިވާ، ދިގުމިނުގައި 16 މީޓަރު އަދި ފުޅާމިނުގައި 10 މީޓަރު ހުރި މި މިސްކިތުގެ ޤިބްލަ ފާރުގައިވާ ލިޔުމުގައި ވަނީ ކީރިތި ރަސޫލާ "ޢަބްދުﷲ ގެފާނުގެ ދަރިކަލުން މުޙައްމަދަށް" ޞަލަވާތާއި ރަޙްމަތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ. އާކިއޮލޮޖިސްޓުން ވިދާޅުވާ ގޮތުގައި މި ލިޔުމަކީ، މި މިސްކިތަކީ ހިޖުރީ ގޮތުން ފުރަތަމަ ޤަރުނުގެ ތެރޭގައި ބިނާކުރެވިފައިވާ ތަނެއްކަން ޔަޤީންކޮށްދޭ ވަރުގަދަ ހެއްކެކެވެ.

މި މިސްކިތުގެ ބިނާރަށް ބަލާއިރު މިހްރާބަކާއި، މިސްކިތަށް ވަދެނިކުމެވާނެ ދޮރުތަކުގެ އިތުރުން ކުޑަ މުންނާރެއް ހިމެނެއެވެ. އަދި މިސްކިތުގެ ވަށައިގެންވާ ސަރަޙައްދުން، އެ ދުވަސްވަރު އިޖުތިމާޢީ އަދި ވިޔަފާރީގެ ކަންކަމުގައި ބޭނުންކުރި ކަމަށް ބެލެވޭ ހިލަ ކޮޓަރިތަކާއި، ގޮވާން ފުނޑުމަށް ގެންގުޅުނު އާލާތްތަކުގެ އިތުރުން އެކި ބާވަތުގެ މައުދަންތައް ނަގައި ސާފުކުރުމަށް ބޭނުންކުރި ވަސީލަތްތަކުގެ ނިޝާންތައް ވެސް ވަނީ ފެނިފައެވެ. ސައުދީ ހެރިޓޭޖް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ހޯދުންތަކުން ދައްކުވައިދެނީ އިސްލާމީ އުންމަތުގެ ކުރީކޮޅުގައި ވެސް އެ ސަރަޙައްދަކީ ދީނީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން އިންތިހާއަށް ކުރިއަރާފައިވާ މުހިންމު މަރުކަޒެއް ކަމެވެ.

މި އާސާރީ ހޯދުމަކީ އިސްލާމީ ޙަޟާރާތުގެ ފެށުމާއި އެ ދުވަސްވަރުގެ މުސްލިމުންގެ ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަތުމަށް ލިބުނު ވަރަށް އަގުހުރި މަޢުލޫމާތެކެވެ. އަދި މިއީ ސައުދީ އަރަބިއްޔާގެ ތާރީޚީ ތަންތަން ރައްކާތެރިކޮށް، ދުނިޔެއަށް ހާމަކުރުމަށް އެ ޤައުމުގެ ސަރުކާރުން ފަށާފައިވާ ފުޅާ މަޝްރޫޢުތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމުގައި ވެސް ކަމާބެހޭ މާހިރުން ފާހަގަކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު