ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ގެންނަމުންދާ ބަދަލުތަކާއި ފައިސާ މާރުކުރުމާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކުގެ ސަބަބުން، ބޭރުގެ ޓުއާ އޮޕަރޭޓަރުންނަށް ބޮޑެތި މާލީ ދަތިތަކާ ކުރިމަތިލާންޖެހި، ރާއްޖެ ބުންގުރޫޓުވުމުގެ މަގަށް ހިނގައިދާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައީސް ނަޝީދު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޔޫރަޕުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން އެމަނިކުފާނަށް ގުޅައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރަމުންދާ ކަމަށެވެ.

އެގޮތުން، ރާއްޖެއަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުމުން، ވިޔަފާރިތަކުގެ ދުވަހު ހަރަދުތައް ހަމަޖައްސައި، ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށްފަހު، ހިއްސާދާރުންނަށް އެކަށީގެންވާ ޑިވިޑެންޑެއް (ފައިދާއެއް) ބަހާނެ މިންވަރެއް ނުހުންނަކަން އެ ފަރާތްތަކުން ފާހަގަކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން، މިހާރުވެސް ޔޫރަޕުގައި ޖީއެސްޓީގެ ގޮތުގައި 20 އިންސައްތަ ދައްކަމުންދާކަމާއި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ޓީޖީއެސްޓީ ދައްކަމުންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރަށް މީރާއަށް މަތިމައްޗަށް އެއް ޓެކުހެއް ދެއްކުމަކީ ވިޔަފާރިތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށާއި އެއީ އެ ފަރާތްތަކަށް ކުޅަދާނަވެގެންވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެއިތުރަށް ރައީސް ނަޝީދު ވިދާޅުވީ، ވިޔަފާރިވެރިންގެ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވޭތަން ފެންނަމުން ނުދާ ކަމަށެވެ. އަދި މި ހާލަތުގެ ސަބަބުން ދިވެހިރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ މާލީގޮތުން ބުންގުރޫޓުވުމުގެ ތުންފަތްމައްޗަށް ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން އަތުން ރާއްޖެއިން ޖީއެސްޓީ ނަގަން ޖީއެސްޓީގެ ގާނޫނު މިދިޔަ މަހު ވަނީ އިސްލާހުކޮށްފައެވެ. އޭގެ އިތުރުން، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމާއަތްތަކުން ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް