ވިޒިޓް މޯލްޑިވްސް އާއި މޯލްޑިވިއަން އިން ބޭއްވި މަޝްވަރާ ބައްދަލުވުން، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ވިޒިޓް މޯލްޑިވްސް އާއި މޯލްޑިވިއަން އިން ބޭއްވި މަޝްވަރާ ބައްދަލުވުން، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންގޮސް، ވައިގެ ދަތުރުފަތުރުގެ ވިއުގަ އިތުރަށް ހަރުދަނާކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް އާއި ޤައުމީ އެއަރލައިން، މޯލްޑިވިއަން ގުޅިގެން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ދެ ކުންފުނީގެ އިސްވެރިންގެ މެދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ވިޒިޓް މޯލްޑިވްސްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ބައިވެރިވެވަޑައިގެންނެވި އިރު، މޯލްޑިވިއަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކާ ދެމެދު އޮންނަ އެއަރ ކަނެކްޓިވިޓީ ވަރުގަދަކޮށް، ދެ ކުންފުނި ގުޅިގެން ދިވެހިރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކުރެވޭނެ އައު ދޮރުތައް ހުޅުވައިލުމެވެ. އެގޮތުން މޯލްޑިވިއަނުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މަންޒިލްތައް އިތުރުކުރުމާއި، އެ މަންޒިލްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ. މީގެއިތުރުން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކޮށް، ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މިހާރުވެސް ދަނީ ބައިނަލްއަޤްވާމީ މުހިންމު ސަރަޙައްދުތަކަކަށް ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން އަވަށްޓެރި އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްއަށް ކޮންމެ މަންޒިލަކަށް ހަފްތާއަކު 5 ދަތުރު ކުރަމުން އަންނައިރު، ކުރިއަށް އޮތް ޑިސެމްބަރު މަހުން ފެށިގެން މި ދަތުރުތައް ހަފްތާއަކު 6 ދަތުރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ބަންގްލަދޭޝްއަށް ހަފްތާއަކު 2 ދަތުރު، ޗައިނާގެ ބެއިޖިން އަދި ޗެންގްޑޫއަށް ހަފްތާއަކު 1 ދަތުރުގެ އިތުރުން، އޮސްޓްރޭލިއާގެ މެލްބާންއަށްވެސް ހަފްތާއަކު 1 ދަތުރު އެ އެއަރލައިނުން ދަނީ ބާއްވަމުންނެވެ.

މި ދެ ކުންފުނި ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފަށާފައި މިވަނީ، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ދަނޑިވަޅެއްގައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.4 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި އަދަދު އިތުރަށް މަތިކޮށް، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ދިރުމެއް ގެނެސްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު