އަނޫރާ ކުމާރަ ޑިސަނަޔަކަ
އަނޫރާ ކުމާރަ ޑިސަނަޔަކަ
ކޮރަޕްޝަނާއި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަމުންދަނީ ސިޔާސީ ބަދަލުހިފުމުގެ ގޮތުން ނޫން ކަމަށާއި، އާންމުންގެ ހަމްދަރުދީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ސަރުކާރުން ކުރިއަށްގެންދާ ގާނޫނީ މައްސަލަތައް ނުހުއްޓުވޭނެ ކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ ވިދާޅުވެއްޖެއެވެ.

ރައީސް ދިސާނާޔަކަ މިހެން ވިދާޅުވީ ޕޮލޮންނަރުވާގައި ބޭއްވި ދަނޑުވެރިންގެ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ އެއްވެސް އަމިއްލަ މައްސަލައެއް ނުވަތަ ބަދަލުހިފުމުގެ ނިޔަތެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ދިސާނާޔަކަ ވިދާޅުވީ، ކޮރަޕްޝަނުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުންތަކަށް ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އަދި ކޮރަޕްޓް މީހުން އަތުލައިގަތުމުން އެއީ ސިޔާސީ ބަދަލުހިފުމެއް ކަމަށް ބުނެ ވާހަކަދެއްކި ނަމަވެސް، ސަރުކާރުން އެއްވެސް މީހަކާ މެދު އަމިއްލަ ބިންތަކުގެ މައްސަލައެއް ނުވަތަ ޒާތީ ޚިޔާލުތަފާތުވުމެއް ނެތް ކަމަށާއި، އޮތް ހަމައެކަނި ކަމަކީ ގައުމު ހަލާކުކޮށްލި ކޮރަޕްޓް މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކުން ކޮންމެ ވަރަކަށް ކަރުނައަޅައި ހަމްދަރުދީ ހޯދަން މަސައްކަތް ކުރިޔަސް ސަރުކާރުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވައްކަން ކުރަމުންދިޔަ އިރު، ވައްކަން ނުކުރުމަށް ބައްޕައިން އެމީހުންގެ ފިރިހެން ދަރިންނަށް ނަސޭހަތްދޭންޖެހޭނެ. އަތުލައިގަތުމަށްފަހު ކަރުނައެޅުމަކުން ކުރާނެ ފައިދާއެއް ނެތް.

އަދި އެ ކަރުނަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭނެ، ގާނޫނަށްވުރެ ހަމްދަރުދީ އިސްކުރަން ފުރުސަތެއް ނުދޭނެ،" ރައީސް ދިސާނާޔަކަ ވިދާޅުވިއެވެ.

މީގެއިތުރުން، އާއިލީ ފަސްފަހަތަށް ނުވަތަ ގުޅުންތަކަށް ބެލުމެއްނެތި ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގަންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، މާމައެއް، މަންމައެއް، ބޭބެއެއް ނުވަތަ ބާއްޕައެއް ކަމުގައިވިޔަސް ގާނޫނު ހިންގާނީ އެއްގޮތަކަށް ކަމަށާއި، އާއިލާގެ މެންބަރުން އެކުގައި ވައްކަންކޮށްގެން އަތުލައިގަނެވިއްޖެނަމަ ކުރެވޭނެ ކަމެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ މި ފިޔަވަޅުތަކުގެ މަގުސަދަކީ ދައުލަތުގެ ފައިސާއިން އެންމެ ލާރިއެއްގައި ޖެހުނު ކަމުގައިވިޔަސް ކޮންމެވެސް ދުވަހަކުން އަދަބު ލިބޭނެކަން ސާބިތުކޮށްދީ، ރައްޔިތުންނަށް ސަރީހަ މެސެޖެއް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކަށް ނަފްރަތު ކުރުން ނޫން ކަމަށާއި، ގައުމު އަލުން އާރާސްތުކޮށް، ކޮރަޕްޝަން ނައްތާލައި، ގާނޫނީ ސިޔާދަތު ގާއިމުކޮށް، ރައްޔިތުންގެ އިތުބާރާއެކު އަންނާން އޮތް ޖީލުތަކަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު