ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަމިއްލަ އާއިލާއަށް ނިސްބަތްވާ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވެ، ދިވެހި ފިރިހެނަކު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އައިސްފައިވަނީ ހުސައިން ޝިރުވާން ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މި މައްސަލައިގެ ޝަރީއަތް ނިންމައި ކޯޓުން އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުސައިން ޝިރުވާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، އެއްވެސް މީހަކު އޭނާގެ އާއިލާގެ މެންބަރެއްގެ ގޮތުގައި ހިމެނޭ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ އެއީ ބޮޑު ކުށެއް ކަމަށެވެ. އަދި މިފަދަ އަމަލެއް ހިންގައިފި މީހެއްގެ އަދަބެއްގެ ގޮތުގައި އެ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވަނީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެހެންކަމުން، މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން، ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ދަށް އަދަބު ކަމަށްވާ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް