ފޮރިން މިނިސްޓްރީ-
ފޮރިން މިނިސްޓްރީ-
ސައުދީ ޢަރަބިއްޔާގެ ރިޔާޒާއި މަދީނާ ސަރަހައްދުގައި އަޅާފައިވާ މުހިންމު ތެޔޮ ހޮޅިތަކަކަށް އަމާޒުކޮށް ޑްރޯން ބޭނުންކޮށްގެން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، އިގްތިސާދީ އަދި އާންމު ހިދުމަތްތަކާ ގުޅިފައިވާ މިފަދަ މުހިންމު ވަސީލަތްތަކަށް ހަމަލާދިނުމަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގްލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި، ރައްކާތެރިކަމާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ދިވެހި ސަރުކާރުން އިތުރަށް ހާމަކުރި ގޮތުގައި، މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ސައޫދީ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ސާބިތުކަމާއެކުގައެވެ. އަދި ސައުދީގެ ސިޔާދަތާއި، ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

ސައުދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ އެ ގައުމުގެ "އީސްޓް-ވެސްޓް ޕައިޕްލައިން" އަށެވެ. މި ހަމަލާގެ ސަބަބުން ތެޔޮ ހޮޅިތަކަށް އެކިވަރުގެ ގެއްލުންތައް ލިބި، އާންމުންގެ ބަޔަކު ޒަހަމްވެ، ފުރާނައަށް ނުރައްކާވާ ހާލަތްތައް މެދުވެރިވިއެވެ. ސައޫދީން ހާމަކުރި ގޮތުގައި ޑްރޯން ބޭނުންކޮށްގެން މި ފިނޑި ހަމަލާ ދީފައިވަނީ އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތަކުންނެވެ.

ހަމަލާ އަމާޒުވި "އީސްޓް-ވެސްޓް ޕައިޕްލައިން" އަކީ ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް، ރަތް ކަނޑުގެ އައްސޭރީގައިވާ ޔަންބޫއު ބަނދަރަށް ތެޔޮ ބޭރުކުރުމަށްޓަކައި ސައުދީގެ އިރުމަތީ ސަރަހައްދުން ސާފުނުކުރާ ތެޔޮ އުފުލައިދޭ އިގްތިސާދީ ގޮތުން ނުހަނު މުހިންމު ވިއުގައެކެވެ.

މި ހަމަލާއާ ގުޅިގެން ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވިޔަނުދިނުމުގެ ގޮތުންނާއި، އިރާގުގެ ބޮޑުވަޒީރު އެދިވަޑައިގަތުމުގެ މަތިން، މި ވަގުތަށް ބަދަލުހިފުމުގެ އެއްވެސް ހަރުކަށި ފިޔަވަޅެއް ނޭޅުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް